ސޯޝަލް މީޑިއާގައި ކުރާ ޓްރޯލްތަކުގެ އަޑު އާލިއާގެ ދެމަފިރިންނަށް ނުފޯރާ ކަމަށް ބުނެފި

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު--ފޮޓޯ/ހިންދުންސްތާން ޓައިމްސް


އިންޓަނެޓް މެދުވެރިކޮށް ސޯޝަލް މީޑިއާގައި ކުރާ ޓްރޯލްތަކާއި ފާޑުކިޔުންތަކުގެ އަޑު ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ އާއި ރަންބީރުގެ ދެމަފިރިންނާ ހަމައަށް ނުފޯރާ ކަމަށް ބަތަލާ ބުނެފިއެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން އިންޓަނެޓުގައި މީމްސްތައް އުފައްދާ ޓްރޯލްކުރާ މީހުން އުޅޭ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެ އަޑުތައް އެ ދެމަފިރިންނާ ހަމައަށް ނުފޯރާއިރު އޭގެ ނޭދެވޭ އަސަރު ދެ ތަރިންގެ ގުޅުމަށް ވެސް ނުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެސްކުއަ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއްގައި އާލިއާ ބުނީ ކައިވެނީގެ ކުރިން ރަންބީރާ އެކު އާލިއާ ހަތަރު އަހަރުވަންދެން އެކީގައި ދިރިއުޅެފައިވާ ކަމަށާއި ދެ މީހުން އެކީގައި މިހާރު އުޅޭތާ ހަތް އަހަރު ވެފައިވާ ކަމަށެވެ.

އާލިއާ އާއި ރަންބީރު ދަރިފުޅު ރަހާ ކަޕޫރާ އެކު--ފޮޓޯ/މިޑްޑޭ

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ ދެމެފަރިންނަށް ފާޑުކިޔާ ޓްރޯލް ކުރަނީ އިންޓަނެޓްއިން ފެންނަ ހަތް ވަރަކަށް ސިކުންތުގެ ރީލް ނުވަތަ ވީޑިއޯ ކްލިޕަކަށް ކަމުން އެއީ އެއްވެސް މާނައެއް އޭގައި އެކުލެވޭ ފާޑުކިޔުންތަކެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އާއްމުންގެ ފަރާތުން ލިބޭ ނުރުހުމުގެ ބަސްތަކާ އެކުވެސް އެ އާއިލާގެ އެއްވެސް މެމްބަރެއްގެ ދިރިއުޅުމަށް އޭގެ އަސަރު ނުކުރާ ކަމަށާއި އާލިއާ ދިރިއުޅެމުން އަންނަނީ ބަތަލާ އަބަދުވެސް ބޭނުންވި ހުވަފެނީ ދުނިޔޭގައި ކަމަށް ވަނީ ބުނެފައެވެ.

އާލިއާ އާއި ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރުމުގެ ކުރިން ރަންބީރު ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންތަކަކާ އެކު ލޯބީގެ ގުޅުން ބާއްވާފައި ވާތީ އެކަމާ ގުޅިގެން ރަންބީރަށް އަބަދުވެސް ފާޑުކިޔުންތައް ރައްދުވެއެވެ.

ހާއްސަކޮށް ރަންބީރު ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފްގެ ތެރެއިން ކެޓްރީނާ އަކީ އާލިއާގެ ކުރީގެ ވަރަށް ގާތް އެކުވެރިއަކަށް ވުމުން އެކުވެރިޔާގެ ލޯބިވެރިޔާއާ ގުޅުން ބޭއްވި ކަމަށް ތުހުމަތުކޮށް ވެސް އާލިއާއަށް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ދެ ތަރިން އަންނަނީ އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އެވެ.

comment ކޮމެންޓް