މިއަހަރުގެ ފުރަތަމަ ތިން ހަފުތާތެރޭ 149،447 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 69 އިންސައްތަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށްކަން ތަފާސްހިސާބުން ދައްކައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް 149،447 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ ހަތް އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 139،682 ފަތުރުވެރިންނެވެ.
މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން 103،067 ފަތުރުވެރިން ރިސޯޓުތަކަށް ދިޔައިރު އެއީ އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ 69 އިންސައްތައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ގޮސްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން 39،003 ފަތުރުވެރިން ގެސްޓްހައުސްތަކަށް ދިޔައިރު އެއީ 26.1 އިންސައްތައެވެ. ހޮޓެލްތަކަށް 4،109 ފަތުރުވެރިން ދިޔައިރު އެއީ 2.7 އިންސައްތައެވެ. ހަމައެއާއެކު 3،119 ފަތުރުވެރިން ވަނީ ސަފާރީތަކަށް ގޮސްފައެވެ. އެއީ ބާކީ 2.1 އިންސައްތައެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ --- ފޮޓޯ/ އެމްއޭސީއެލް
އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 7،117ގައެވެ.
ތަފާސްހިސާބުން އެނގޭ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: 144،226 ފަތުރުވެރިން (98.7 އިންސައްތަ)
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: 428 ފަތުރުވެރިން (0.3 އިންސައްތަ)
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓު: 540 ފަތުރުވެރިން (0.4 އިންސައްތަ)
- ގަން އިންޓަނޭޝަނަލް އެއާޕޯޓު: 445 ފަތުރުވެރިން (0.3 އިންސައްތަ)
- ދާލު އެއާޕޯޓު: 183 ފަތުރުވެރިން (0.1 އިންސައްތަ)
- ވިލާ އިންޓަނޭޝަނަލް އެއާޕޯޓު، މާމިގިލި: 288 ފަތުރުވެރިން (0.2 އިންސައްތަ)
މާކެޓުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ރަޝިއާއިންނެވެ. އެގޮތުން 21،798 ފަތުރުވެރިން އެ ގައުމުން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން 16،264 ފަތުރުވެރިން ޒިޔާރާތްކުރީ އިޓަލީއިންނެވެ. ތިންވަނައަށް އިނގިރޭސިވިލާތުން 13،147 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

ފަތުރުވެރިންތަކެއް ރާއްޖެ އައުން --- ފޮޓޯ/ އެމްއޭސީއެލް
ނިމުނު އަހަރުގެ ޓޮޕް މާކެޓު ކަމަށްވާ ޗައިނާ އޮތީ މިހާތަނަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓުގެ ގޮތުގައެވެ. އެގޮތުން އެ ގައުމުން ވަނީ 10،924 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
މި އަދަދަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާއިރު މިވަގުތު 186 ރިސޯޓަކާއި، 976 ގެސްޓްހައުސަކާއި، 16 ހޮޓަލެއްގެ އިތުރުން 173 ޓޫރިސްޓް ވެސަލް އެބައޮތެވެ. މިހުރިހާ ތަނެއް ހިމެނޭހެން ރާއްޖޭގައި މިވަގުތު 68،915 އެނދު އެބަހުއްޓެވެ.
ސަރުކާރުން ވަނީ މި އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ.