މާލޭގެ ދިރިއުޅުމާއި އިންސާނީ ކަރާމާތް: ތޮއްޖެހުމުގެ ތެރެއިން ގެއްލެމުންދާ އިންސާނިއްޔަތުކަން

ވިލިމާލޭގެ އަތިރިމަތީގަ ޖޯލިފަތިތަކެއްގަ އިށީނދެލައިގެން ތިބި އެކުވެރިންތަކެއް

ކޮންމެ މުޖުތަމައެއްގެވެސް އެންމެ ބޮޑު ރައުސުލްމާލަކީ އެ މުޖުތަމައެއްގައި އޮންނަ އަމާންކަމާއި ދުޅަހެޔޮ އިޖުތިމާއީ ގުޅުންތަކެވެ. ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަކީ އާބާދީ ބޮޑު، ތޮއްޖެހުން ގިނަ ތަނަކަށް ވީހިނދު، މިފަދަ މާހައުލެއްގައި އަމާންކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ އިތުރުން ދައުލަތުގެވެސް ބޮޑު މަސްއޫލިއްޔަތެކެވެ.

މިގޮތުން، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގައި ހެދިފައިވާ އެންމެ މުހިންމު އެއް ގާނޫނަކީ "ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު" އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ހިމެނޭ ފަރުދުންގެ އަމަލުތަކުގެ ސަބަބުން މުޅި މުޖުތަމައަށް ކުރިމަތިވާ ނުތަނަވަސްކަމާއި، ހާސްކަމާއި، ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށްދިނުމެވެ. މާލެ ފަދަ ތަންތާނގައި ދިރިއުޅޭއިރު، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ބޯލެނބުމަކީ އަމާން މާހައުލެއް ބިނާކުރުމުގެ ބިންގަލެވެ.

"ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ތަންފީޒުކުރުމުގެ ޒިންމާ، ގާނޫނުން މަތިކޮށްފައިވަނީ ދިވެހިފުލުހުންނާއި ކައުންސިލްތަކާއެވެ. މި ގާނޫނުގެ ދަށުން، އާންމު މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުންނަށާއި ލޯކަލް ކައުންސިލްތަކަށް ހާއްސަ ބާރުތަކެއް ދީފައިވެއެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ މިއަދު ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު، ތޮއްޖެހިފައިވާ އެއް ސިޓީއެވެ. މި ކުޑަކުޑަ ރަށުގެ ކޮންމެ އިންޗިއަކީ މިއަދު އަގުބޮޑު މިލްކެކެވެ. ނަމަވެސް، މި ތޮއްޖެހުމުގެ ތެރެއިން އަޅުގަނޑުމެންނަށް ގެއްލެމުންދަނީ ހަމައެކަނި ބިމުގެ ޖާގައެއް ނޫނެވެ. އޭގެ ސަބަބުން އިންސާނާގެ ކަރާމާތާއި، އަމިއްލަވަންތަކަން ނުވަތަ "ޕްރައިވެސީ" އަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވުން: ނުރައްކާތެރި ރަނގަބީލެއް

އަބުރުވެރި ދިރިއުޅުމެއްގެ އެންމެ މައިގަނޑު އެއްއަސާސަކީ ދިރިއުޅޭ މާހައުލުގައި ހުންނަންޖެހޭ ތަނަވަސްކަމާއި އިހުސާސްކުރެވޭ މިނިވަންކަމެވެ. ނަމަވެސް، މާލޭގެ ހަގީގަތް މިއަދު އޮތީ މިއާ މުޅިން އިދިކޮޅަށެވެ. މާލޭގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، އެންމެ ބޮޑު މައްސަލައަކީ ދިރިއުޅޭން ޖެހިފައިވާ މާހައުލުގައި އޮތް ޖާގައިގެ ނުތަނަވަސްކަމެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތަހައްމަލު ކުރަމުންދާ ހިތްދަތި ހަގީގަތެކެވެ. މާލޭގެ ގިނަ އިމާރާތްތަކަކީ އެކަށީގެންވާ ފަންނީ މިންގަނޑުތަކަށްވުރެ ބޮޑަށް، ވީހާވެސް ގިނަ ބަޔަކު "ތަޅުލާ ބަންދުކުރެވޭ ގޮތަށް" ފަރުމާކުރެވިފައިވާ ތަންތަނެވެ.

https://sun.mv/213813

އެންމެ އާދައިގެ މިސާލަކަށް ބަލާއިރު، ގިނަ އެޕާޓްމަންޓްތަކުގެ ދޮރުތަކާއި، ލިފްޓު ގޮޅިތަކާއި، ސިޑިބަރިތަކުން ގޭގެ އެތެރޭގައި ދެކެވޭ އެންމެ އަމިއްލަ ޒާތީ ވާހަކަތައްވެސް ބޭރަށް އިވެއެވެ. މިއީ މީހުންގެ ކަރާމާތަށް އިންތިހާ ދަރަޖައިގެ އުނިކަން އަންނަ ބޮޑު މައްސަލައެކެވެ. ގޭގެ ދޮރުގެ ދަށުންނާއި ފާރުތަކުން އަޑުތައް ލީކުވެ، އަވަށްޓެރިންނަށް މީހާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަވުމަކީ "ކުކުޅު ކޮށިތަކެއް" ފަދަ ތޮއްޖެހިފައިވާ މާހައުލެއްގައި އުޅެންޖެހުމުގެ ނަތީޖާއެވެ. އަމިއްލަ މިނިވަންކަމެއް ނެތް ތަނެއްގައި އިންސާނީ ކަރާމާތް ހިމާޔަތްވެފައި އޮތުމަކީ ނާދިރު ކަމެކެވެ.

މި މައުޟޫޢުގައި އަޅުގަނޑު ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިގޮތުގައި، މާލޭގެ މަގުމައްޗަށް ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ވަނީ ބީލަމަށް ލެވިފައެވެ. އޭނާގެ ބަހުންނަމަ، މިއަދު މާލޭގެ މަގުމަތިން ފެންނަ މީހުންގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ބޭރުގެ މަސައްކަތްތެރިންނެވެ. މިއީ އިގްތިސާދީ މަޖުބޫރުކަމެއް ކަމަށް ވީނަމަވެސް، މީގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބޭރު މީހުންގެ އަމަލުތަކާއި ހަރަކާތްތައް ހުންނަ ގޮތުން، ބައެއް ފަހަރު އަމިއްލަ ގައުމުގައިވެސް ބިރުގަންނަ ފަދަ އިހުސާސެއް ކުރަންޖެހޭކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.

ކުރިން އޮތް އެކަކު އަނެކަކަށް ދަންނަ، އަޅާލާ، އަވަށްޓެރިކަމުގެ ގާތް ގުޅުން މިއަދު ވަނީ މުޅިން ފަނޑުވެފައެވެ. ގިނައީ ކުއްޔަށް އުޅޭ – އަދި ފްލޯޓިންގ ޕޮޕިއުލޭޝަނެއް ކަމަށްވާތީ، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، މަގުމަތިން ޖާގަ ދިނުމާއި، އިސްރަށްވެހިންނަށް ގަދަރުކުރުން ފަދަ ރިތި ސިފަތައް ވަނީ ނެތިގޮސްފައެވެ. މާލެ މިހާރު ބަދަލުވެފައިވަނީ އެކަކު އަނެކަކަށް އަޅާލުމެއް ނެތް "އިންކޮގްނިޓޯ" ނުވަތަ ބީރައްޓެހި ދިރިއުޅުމެއް އުޅެންޖެހިފައިވާ ތަނަކަށެވެ.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި ހިދުމަތްދޭ ފަރާތްތަކުންކުރާ މުއާމަލާތްތަކުގައިވެސް މީހުންނަށް އިހުތިރާމްކުރުމުގެ ސިފަ ކުޑަވަމުންދާކަން ފާހަގުރެއްވޭކަމަށް، އަޅުގަނޑު ވާހަކަދެއްކި އެއްބޭފުޅަކު ވިދާޅުވިއެވެ. މަގުމަތީގައި ތިބޭ ފުލުހުންވެސް އިހުތިރާމާއެކު ހަތަރުކަޅިހަމަކޮށް އިހުތިރާމާއެކު ވާހަކަދެއްކުމުގެ ބަދަލުގައި، ގިނަފަހަރަށް ފެންނަނީ "ބޯމަތިން ބަލަހައްޓައިގެންހުރެ" ހަރުކަށިކަމާއެކު މުއާމަލާތް ކުރާ މަންޒަރުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މިއީ މުޅި މުޖުތަމައުގައި އޮތް ބޮޑު މައްސަލައެއްގެ ކުޑަ ތަސްވީރެއްކަމުގައި އޭނާ ދެކިވަޑައިގަންނަވައެވެ.

https://sun.mv/209267

އަޅުގަނޑުމެންގެ ސަގާފަތުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައިވާ "ސަލާމްކުރުމާއި ހާލުއަހާލުން" ފަދަ ރިތި އާދަތައް ވަނީ މުޖުތަމައިން ބީވެގޮސްފައިކަމަށާއި، އިންސާނީ ކަރާމާތަކީ ހަމައެކަނި ގާނޫނީ ހައްގެއް ނޫންކަމަށާއި، އެއީ މީހުން އެކަކުއަނެކަކާ މުއާމަލާތްކުރާއިރު ހިފަހައްޓާންޖެހޭ އިހުތިރާމްކުރުމުގެ މިންގަޑުކަމުގައި އޭނާ ވިދާޅުވިއެވެ. އެއީ މަގުމަތީން ވިޔަސް، ޚިދުމަތްދޭ ތަނަކުންވިޔަސް، އަދި އޮފީހަކުން ވިޔަސްމެއެވެ.

އަބުރުވެރި ދިރިއުޅުމަކާ ދިމާއަށް މިސްރާބު ޖަހާނީ ކިހިނެއް؟

ނިއުޅެމުންދާ މިހާލަތުން އަރައިގަތުމަށްޓަކައި، ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން، އަދި އިޖުތިމާޢީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އިމާރާތްކުރުމުގެ މިންގަނޑުތައް މުރާޖާކޮށް، އެކަށީގެންވާ ޖާގައާއި ތަނަވަސްކަން ކަށަވަރުކުރެވޭނެ ނިޒާމުތައް ހުރުން ގާނޫނީ ގޮތުން ލާޒިމުކުރަންޖެހެއެވެ. ކޮންމެ އިންސާނަކަށްވެސް ތަނަވަސް މާހައުލެއްގައި ހަމަހިމޭންކަމާއެކު އުޅުމުގެ ހައްގު އޮންނަންވާނެއެވެ.

ދެވަނަ ކަމަކަށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ހުޅުމާލެ އާއި ވިލިމާލެއަށް އާބާދީ ބަދަލުވެ، މާލޭގެ ޖާގަ ތަނަވަސްވުމަކީ އަބުރުވެރި ދިރިއުޅުމަކަށް އޮތް މުހިންމު މަގެކެވެ. މިއީ ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައެއް ނޫނެވެ. މިއީ މީހުންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކަކީ ހިނގާ މީހުންނަށް ފަސޭހަ، އަމާން ތަންތަނަށް ހަދަންޖެހެއެވެ. ބަހަށް ހާއްސަ ލޭންތަކެއް އޮތުމާއި، ކޮންމެހެން ބޭނުންވާ އުޅަނދުތައް ފިޔަވައި އެހެން ތަކެތި މަދުކުރުމަކީ މަގުމަތީގެ ހަމަޖެހުން ގާއިމުކުރެވޭނެ ގޮތެކެވެ.

ހަމައެއާއެކު، ދިވެހިންނަކީ އަމިއްލަ މަސައްކަތްތެރި ބަޔަކަށް ވެގެން ނޫނީ މި ގެއްލިފައިވާ އިންސާނީ ކަރާމާތް އަނބުރާ ހޯދުމަކީ ދަތި ކަމެއްކަމުގައި، އަޅުގަނޑާއި ވާހަކަދެއްކި އެއްބޭފުޅަކު ވިދާޅުވިއެވެ. ބޭރުގެ މަސައްކަތްތެރިންގެ މައްޗަށް މާބޮޑަށް ބަރޯސާވުމުން، އަޅުގަނޑުމެންގެ މުޖުތަމައުގެ އަސާސީ ސިފަތައް ގެއްލި، ބީރައްޓެހިކަން ވަނީ އިތުރުވެފައި ކަމުގައި އޭނާ ދެކިވަޑައިގަންނަވައެވެ.

މާލޭގެ ދިރިއުޅުން އަލުން ތަރުތީބުކުރުމަކީ މާދަމާއަށް މަޑުކުރެވެން އޮތް ކަމެއް ނޫނެވެ. އިންސާނީ ކަރާމާތަށް އިސްކަންދޭ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދެވޭނީ، އަމިއްލަވަންތަކަމަށް އިހުތިރާމްކުރާ، ގާނޫނީ ގޮތުން ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ މާހައުލެއް ބިނާކޮށްގެންނެވެ.

ތޮއްޖެހުމުގެ ތެރޭގައި "ގެއްލިފައިވާ" އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށްޓަކައި މުޅި ނިޒާމަށް ގެންނަންޖެހޭ ވަށައިޖެހޭ ބޮޑު ބަދަލަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވެއެވެ. މިއީ ހަމައެކަނި ސިޓީއެއް ތަރައްގީކުރުމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ތެރޭއިން ބީވެގޮސްފައިވާ އިންސާނިއްޔަތުކަން އަލުން ދިރުވުމެވެ. ދިވެހި އިގުތިޞާދުގެ ލޭނާރު ކަމުގައިވާ މެހުމާންދާރީގެ އަސާސް އަޅުގަނޑުމެންގެ ތެރޭގައި ދެމެހެއްޓޭނެގޮތަކީ އެއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް