އާއިލާއެއް (އޭއައި ފޮޓޯއެއް)

މަސައްކަތުގެ މާހައުލުގައި "ވަރަށްލޯބިވޭ" މިއިބާރާތް ބޭނުންކުރުމުގެ މައްޗަށް އަޅުގަނޑުގެ ޝައުގުވެރިކަން ގެންދިޔައީ، ސަން ސިޔާމް މީޑިޔާ (އެސްއެސް މީޑިއާ) ގެ 2025 ވަނަ އަހަރުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފުލާގައި އެ މީޑިއާގެ ސީއީއޯ ދެއްކެވި ވާހަކަޔަކާއި ގުޅިގެންނެވެ. މުޙައްމަދު އާސިފް (މޮންދު) ހުށަހެޅުއްވީ "ވަރަށްލޯބިވޭ" މިއިބާރާތަކީ އެސްއެސް މީޑިއާގެ މުވައްޒަފުންގެ މެދުގައި އޮންނަގުޅުން ރަމްޒުކޮށްދޭ އިބާރާތަކަށް – އަދި އަތްމަތީބަހަކަށް ހެދުމަށެވެ. އަދި އެއީ ތަނުގެ ގުޅުންތައް ރަމްޒުކޮށްދޭ، އަދި ޑްރައިވްކުރާ ފިކުރުކަމުގައި ހެދުމަށެވެ. އެވީ، އެންމެން ވަރަށް އުފަލާއި އެކު ބަލައިގަތް ކަމަކަށެވެ.

ހެޕިނަސް ކްލަބުގައި އަޅުގަނޑު ކުރާ އެއް މަސައްކަތަކީ، އަޅުގަނޑުމެންގެ މުޖުތަމައަކީ އުފާވެރިކަމުގެ އައްސޭރިއެއްކަމުގެ އިހުސާސްކުރެވޭ ތަޖުރިބާތަކުން ޒީނަތްތެރި ކުރެވިފައިވާ ތަނަކަށް ހެދުމެވެ. މިގޮތުން އަޅުގަނޑުމެން ހިންގާ އިޖުތިމާޢީ އެއް ޕްރޮގްރާމަކީ – "ކުލުނު: ދަ ޕަވަރ އޮފް ލަވް" އެވެ. މިއީ ރަށްރަށުގެ ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭގޮތަށް ހެޕިނަސް ކްލަބުން ރާވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗުކުރީ ކުޅުދުއްފުށީގައެވެ.

"ކުލުނު" ގެ ވާހަކައިގައި އަޅުގަނޑުމެން ގެންނަ އެއް ވާހަކައަކީ އިބްރާހިމްގެ ފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެ ފާނުގެ ވާހަކައެވެ. އެ ދެބަފައިކަލުން އެއްބޭކަލަކު އަނެއްބޭކަލަކާ މުޢާމަލާތު ކުރެއްވިގޮތް ކީރިތިގުރުއާނުގައި މާތްﷲ ވަޙީގެ ބަސްފުޅުން އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވާފައިވެއެވެ. އެދެބޭކަލުން އަނެއްބޭކަލަކަށް މުޚާޠަބު ކުރެއްވީ، "އޭ ލޯބިވާ ދަރިފުޅާ!" އަދި "އޭ ލޯބިވާ ބައްފާ!" މިފަދައިންނެވެ. (ސޫރަތުއްޞައްފާތު، 37:102)

އެހެންކަމުން، އާއިލާގެ ތެރޭގައި އެކަކު އަނެކަކާ ދެމެދު ގުޅުން އޮންނަންޖެހެނީ ކިހިނެތްކަމާއި އެގުޅުން ދަމަހައްޓަންޖެހޭ ގޮތް މާތްﷲ މިވަނީ ކީރިތިޤުރުއާނުގައި އަޅުގަނޑުމެންނަށް އަންގަވާދެއްވާފައެވެ. އާދެ! އަޅުގަނޑުމެންގެ މެދުގައި އޮންނަންވަނީ އެކަކު އަނެކަކަށް އިހުތިރާމްކުރާ ލޯބީގެ ގުޅުމެކެވެ. އަދި އެލޯބި ތިމާގެ ހިތުގައި ބޭއްވުމުން ނުފުދެއެވެ. ލޯބިވާކަން ހާމަކޮށް އެވާހަކަ ބުނަންވެސް ޖެހެއެވެ.

ހަމައެފަދައިން ދެމަފިރިންގެ މެދުގައި ލޯބި އޮންނަންވާގޮތް މާތްﷲވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ "އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ." (އައްރޫމް ސޫރަތް، 30:21) މިއިންވެސް ވަރަށް ސާފުކޮށް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކުލުނާއިލޯބި ބިނާވާންޖެހޭނީ އޯގާތެރިކަމުގެ މައްޗަށްކަން އެބަ އެނގެއެވެ.

މިއަށް ބާރުލިބޭ އަނެއް ވަޙީބަސްފުޅުގައި އަންގަވާފައިވަނީ "އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެ ވަޑައިގަތީ، ﷲގެ ޙަޟްރަތުން ލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ." (އާލްޢިމްރާން ސޫރަތް، 3:159) މިއިން އަޅުގަނޑުމެންނަށް ސާފުކޮށް ފެންނާން މިއޮތީ އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރާނެ ގޮތެވެ.

އަދި ﷲ ވަޙީ ކުރައްވާފައިވެއެވެ. "ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލްމާޢިދާ ސޫރަތް، 5:13). އެހެންކަމުން ލޯބީގެ އެންމެ ފުރިހަމަގޮތަކީ އިޙުސާންތެރިކަމާއި މާފުކުރުންކަން އެބައެނގެއެވެ.

އާދެ! އެހެންކަމުން، ކުލުނާއި ލޯތްބާއި އޯގާތެރިކަމަކީ އާދަޔާ ޚިލާފު ބާރުގަދަ ޖާދުލެއްކަން ވަރަށް ސާފެވެ. އޭގެ ސަބަބުން ހިތްތައް ފަތަހަކޮށްލައެވެ. ޢާއިލާއާއި މުޖުތަމަޢު އެކަތިގަނޑަކަށް ހަދާލައެވެ. މީގެ އިތުރުން، އެމަގަށް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމުން ﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެ ތެރޭގައި ވެސް ހިމެނުމުގެ ދޮރުވެސް ހުޅުވިގެން އެބަދެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢަކީ ލޯތްބާއި ކުލުނާއި އަޅާލުމުގެ ތަނަވަސް އައްސޭރިއަކަށް ހެދުމަކީ ކުރެވޭނެކަމަކެވެ. އެކަމަށްޓަކާ ބޭނުންވަނީ ސާފު ހިތެކެވެ. ލޯބިވާކަން ހާމަކޮށްދޭން ކެރުމެވެ. ލޯބިވާ ވާހަކަ ބުނަން އާދަވުމެވެ. "ވަރަށްލޯބިވޭ" ބުނެލުން އެއީ އާއިލާގެ ތެރޭގަޔާއި ގާތްތިމާގެ މީހުންނާއި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އަތްމަތީ ބަހަކަށް ހެދުމުގެ ހިތްވަރެވެ.

ލޯބިވާކަން ހާމަކޮށް ލޯބިވާކަން ސާބިތުކޮށްދީގެން، މުޖުތަމަޢު ބަދަލުކުރެވިދާނެ ކަމުގެ އެއް ހެއްކަކީ، އެމެރިކާގެ ސްޓޭޓެއްކަމުގައިވާ ފިލެޑެލްފިޔާގެ ސްޓްރޯބެރީ މެންޝަން ހައިސްކޫލްގެ ޕްރިންސިޕަލް ލިންޑާ ކްލިއަޓް-ވޭމަން ގެ ވާހަކައެވެ. (އޭނާގެ ވާހަކަ ޓެޑެސް އިން ވަނީ ގެނެސްދީފައެވެ.)

ލިންޑާ ވޭމަން، އެ ސްކޫލްގެ ޕްރިންސިޕަލްކަމާ 2012 ވަނަ އަހަރު ހަވާލުވިއިރު އެއީ މުޅި އެމެރިކާގައި ވެސް އެންމެ ނުރައްކާތެރި އެއް ސްކޫލެވެ. ސްކޫލުގައި އަނިޔާވެރިކަން އިންތިހާއަށް ގޮސް، އެތައް ކުދިންނެއް އަބަދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހެއެވެ. އޭނާ ސްކޫލަށްދިޔަ ފުރަތަމަ ދުވަހުވެސް ކުއްޖަކު އޭނާއަށް ބިރުވެރި އިންޒާރެއް ދިނެވެ. އަދި އޭގެ ފަހުން މަރުގެ އިންޒާރުވެސް ދިނެވެ.

އެހެންނަމަވެސް ލިންޑާ ގެ ޕްރިންސިޕަލްކަމުގެ ދައުރު ނިމުނުއިރު މުޅި މަންޒަރުވަނީ ބަދަލުވެފައެވެ. ޕްރިންސިޕަލް ލިންޑާ ވިދާޅުވިގޮތުގައި އެކަން ކުރެއްވީ އެކުދިންނަށް ލޯބިދީގެންނެވެ. ޕްރިންސިޕަލް ލިންޑާ އެސެމްބްލީގައި ކުދިންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވެފައިވެއެވެ.

"މިއަދު ތިޔަ ކުދިން ފެންނަނީ ވަރަށްވެސް އުޖާލާކޮށް. ތިޔަ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި އުފާވެރިކަމަކީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ – މިއަދާއި މާދަމާ އަދި މުޅި އުމުރުގައިވެސް ތިޔަ ކުދިންނަކީ ބާއްޖަވެރި، އުފާވެރި ބަޔަކު ކަމުގައިވުން.

އަދި ތިކުދިން ކޮންމެހެން ހަނދާން ބަހައްޓަންޖެހޭ މުހިންމު އެއްވާހަކައެއް ބުނެލާނަން. އެއްވެސް މީހަކު ތިޔަ ކުދިންދެކެ ލޯބިވާ ވާހަކަ ނުބުނިކަމުގައި ވިޔަސް، ޕްރިންސިޕަލް ތިޔަ ކުދިންދެކެ ލޯބިވާކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި. އަދި އެ ލޯތްބާއި ގަދަރު އަބަދުވެސް ތިޔަ ކުދިންނަށްޓަކައި ދެމިއޮންނާނެ."

ވަރަށް ގިނަމީހުން ލިންޑާއާއި ސުވާލުކުރިއެވެ؟ ކަލޭ އެކަހަލަ ވިޔާނުދާކުދިންދެކެ ލޯބިވަނީ ކިހިނެތް ހެއްޔެވެ؟ މީ އަޅުގަނޑުމެންނާ ވެސް މީހުން ކުރާނެ ސުވާލެކެވެ. "ވަރަށްލޯބިވޭ" ހަމަބުނަންޖެހޭ ހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ، އާނއެކޭ އެވެ.

އެމެރިކާގެ 19 ވަނަ އަދި 21 ވަނަ ސާރޖަން ޖެނެރަލް ޑރ. މުރުތީއަކީ ލޯބީގެ ބާރުގަދަ ކަމުގެ ވާހަކަ ވަރަށް ފުންކޮށް ދެއްކެވި ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވަނީ "ލަވް އިޒް ދަ މޯސްޓް ޕަވަރފުލް މެޑިސިން" – އާދެ! ލޯތްބަކީ އެންމެ ބާރުގަދަ ބޭސްކަމުގައެވެ.

ޑރ. މުރުތީ ވިދާޅުވާގޮތުގައި – އެކަކު އަނެކަކާ އޮންނަ ގާތްގުޅުމާއި، އާއިލީ ނުވަތަ އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން ފާޅުވާ ލޯތްބަކީ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކޮށްދޭ ކަމެކެވެ. އަދި އެއީ ނަފުސާނީގޮތުން ކުރިމަތިވާ ނުތަނަވަސްކަމާއި ހާސްކަން ކުޑަކޮށްދޭކަމެކެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫތަކާއި ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށްދީ، ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އޭގެ ހެޔޮ އަސަރުތައް ކުރާކަމެކެވެ.

އަޅުގަނޑުގެ ކޮލަމް ވިދާޅުވާ ހުރިހާ ބޭފުޅުންދެވެސް އަޅުގަނޑު ވަރަށް ލޯބިވެއެވެ. އަޅުގަނޑުގެ ދުޢާއަކީ ތިޔައިން ކޮންމެ ބޭފުޅަކީ ލޯބިލިބޭ، އަދި ލޯބިދޭ މީހަކު ކަމުގައިވުމުގެ ހެޔޮތައުފީގު މާތްﷲ މިންވަރު ކުރެއްވުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް