މިދިޔަ އަހަރު އާސަންދައާއި ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 2.3 ބިލިއަން ޚަރަދުކުރި

އާސަންދަ ބޭސް ފިހާރައެއް: މިދިޔަ އަހަރު ބަޖެޓަށްވުރެ އިތުރަށް އާސަންދައާއި ސަބްސިޑީއަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކުރި --- ސަން ފޮޓޯ

ރީފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ލަފާދީފައިވާ އާސަންދައާއި ސަބްސިޑީއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށްވުރެ އިތުރަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.

އާސަންދައާއި ސަބްސިޑީއަށް ކޮންމެ އަހަރަކު ވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޚަރަދާއި އާމްދަނީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އަދި، ސަބްސިޑީއަށް ބަޖެޓުކުރީ 1.86 ބިލިއަން ރުފިޔާއެވެ. ޖުމުލަ އާސަންދައާއި ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އަހަރު ނިމުނުއިރު އެ ކަމަށް 6.03 ބިލިއަން ރުފިޔާ އޮތީ ޚަރަދުކޮށްފައެވެ.

އާސަންދައަށް މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ، ބަޖެޓުން ބޭރުން އެ ކަންކަމަށް 2.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

https://sun.mv/216432

މިދިޔަ އަހަރު ކުޑަކޮށް ސަބްސިޑީއަށް ބަޖެޓުކުރީ ސަބްސިޑީ ރިފޯމްކޮށް، ހަމައެކަނި އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ލިބޭ ގޮތް ހަދާށެވެ. ސަބްސިޑީ ބަޖެޓު އެއްކޮށްހެން ހުސްވެ އިތުރަށް ވެސް ބިލިއަނުން ޚަރަދުކުރަން ޖެހުނީ އެކަން ނުކުރެވުމުންނެވެ.

ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެކަމަކު، އެކަމެއް ނުކުރެއެވެ.

ސަބްސިޑީއާއި އާސަންދައަށް މިހާ ބޮޑު ހޭދައެއްކުރާއިރު، ރާއްޖެއަށް ދަރަނީގެ ބިރުވެރިކަން ބޮޑެވެ.

މި އަހަރުގެ އޭޕްރީލް މަހު ވެސް އެއްފަހަރާ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރަންޖެހެއެވެ. ޖުމުލަ މި އަހަރު އަދާކުރަންޖެހޭ ދަރަނީގެ އަދަދު އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

https://sun.mv/216120

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ވަނީ ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދަމަހައްޓާފައެވެ. އެއީ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުން ދޭ ރޭޓިންއެކެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ލިބުން ވަރަށް ބޮޑަށް ދައްޗެވެ.

އެ ކަމުގެ ސަބަބުން ރާއްޖޭގެ ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ބޭންކްތަކަށް އަނބުރާ ވިއްކާ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް އަރާފައެވެ. މިއީ ދިވެހި ރުފިޔާގެ އަގު މިހާ ބޮޑަށް ދަށްވީ ފުރަތަމަ ފަހަރެވެ.

ބޭރުގެ އިދާރާތަކުން ވަނީ އާސަންދައާއި ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރާނީ މަޝްރޫއުތައް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގައިގެން ކަމަށް ބުނެފައެވެ. އެކަމަކު، އެކަށިގެންވާ އަދަދަކަށް ޚަރަދު ކުޑަވާ މަންޒަރެއް ހިސާބުތަކަކުން ނުފެނެއެވެ.

ދަރަނި ނުދެއްކުމުގެ ބިރުވެރިކަން ރާއްޖެއަށް އޮތް ނަމަވެސް ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް