މޭޔަރަކަށް ނުވަތަ ކައުންސިލަށް ހޮވާ މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަންޖެހޭ ބައެއް ނޫންކަމަށާއި، މިއަދު މާލޭގެ މޭޔަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކުރުވަން ނިކުންނަން އެ ބޭފުޅުން ގޮވައިލައްވާއިރު، އެ މަނިކުފާނަށް އެ މަގާމު ލިބުނީ، ދަ ޑިމޮކްރެޓްސްގައި އުޅުއްވި ބޭފުޅުންގެ ސަބަބުންކަމަށް ވިދާޅުވި، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
އާދަމް އާޒިމާ ވާދަކުރައްވާ ކެނޑިޑޭޓް އަލީ އާޒިމާއި، އޭނާއަށް ތާއީދުކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެންމެ ބޮޑަށް ވަކާލަތުކުރައްވާ އެއް ކަމަކީ، ސިޓީ ކައުންސިލް ހިންގަން ހޮވާ މޭޔަރަކު ސަރުކާރު ޖަވާބުދާރީކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ކަމަށް އެކި މަސައްކަތްކުރެވޭނެ ބޭފުޅަކަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށެވެ. އެ ކަން ކުރެވޭނީ އަލީ އާޒިމް ހޮވައިގެން ކަމަށް އޭނާއަށް ތާއީދުކުރައްވާ މީހުން ވިދާޅުވެއެވެ.
ނަމަވެސް މިރޭ އެކަމަށް ރައްދު ދެއްވުމަށް، ކައުންސިލަރުންގެ މަސްއޫލިއްޔަތާ ބެހޭގޮތުން ގާނޫނުގައި އޮތް މާއްދާއެއް ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ ކައުންސިލަރުންގެ ޒިންމާގެ ތެރޭ ހިމެނެނީ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން މަޝްވަރާ ދިނުމާއި، އެހީތެރިވުމާއި އެއްބާރުލުން ދިނުން ކަމަށެވެ. އަދި މާލޭގެ ކައުންސިލަރުންނާއި ކައުންސިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަ އާދަމް އާޒިމްގެ ވާދަވެރިން ދައްކަނީ ވަރަށް ބޮޑަށް އޮޅުވައިލައިގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވަންށޭ، ރައީސް [ޑރ. މުޙައްމަދު] މުއިއްޒުގެ ފަހަތުން ދުވަންށޭ. ނޫން. އަޅުގަނޑުމެން މޭޔަރެއް ހޮވަނީ ރައީސް މުއިއްޒުގެ ފަހަތަކުން ދުވާކަށެއް ނޫން. އަޅުގަނޑުމެން މޭޔަރެއް މި ހޮވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށެއް ވެސް ނޫން. އަޅުގަނޑުމެންގެ ގާނޫނުއަސާސީ އޮންނަނީ ވަރަށް ރަނގަޅަށް ތަރުތީބުކޮށްފައި ކޮންބައެއްގެ ޒިންމާއަކީ ކޮބައިކަން. ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބުނި ކަމެއް ކުރަންޖެހޭ ތަނެއް ވެސް ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ތަން ކަމަށެވެ. އަދި އެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީވާންޖެހޭތަން ކަމަށް ވިދާޅުވިއެވެ. އެއާ ޚިލާފަށް ކައުންސިލްތަކަކީ ސަރުކާރަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ސަބަބަކީ އެއީ ސަރުކާރުން ބަޖެޓެއް ދީފައި ރައްޔިތުންނަށް ޚިދުމަތްކުރަން ހުންނަ ތަނަކަށް ކައުންސިލްތައް ވާތީކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަލީ އާޒިމަށާއި އޭނާގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ، މިއަދު ރައީސް މުއިއްޒު ޖަވާބުދާރީ ކުރަން ނިކުންނަން ޖެހުނީ އެ ބޭފުޅުންގެ ސަބަބުން އެ މަނިކުފާނަށް އެ މަގާމު ލިބުނީމާ ކަމަށެވެ.
އޭނާ އެ އިޝާރާތްކުރެއްވީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އަލީ އާޒިމް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެހެން ބައެއް ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި، އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް ނިކުތް ނިކުތުމަށެވެ.
"ތި ބޭފުޅުން ހަނދާންކުރައްވާ މިއަދު މޭޔަރު، ރައީސް މުއިއްޒު ޖަވާބުދާރީ ނުކުރައްވައިގެން މި އުޅުއްވާ ބޭފުޅުންގެ ސަބަބުން ނޫންތޯ އެ ތާނގައި ރައީސް މުއިއްޒު ހުރީ. އެހެންވީމާ މިއަދަކު މި ވާހަކަ އަޅުގަނޑުމެން މާ ބާރަކަށް، ރައީސް މުއިއްޒު ޖަވާބުދާރީކުރުވަން މޭޔަރެއް ހޮވުމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް، އެއީ ހަމަ ބޭކާރު ވާހަކައެއް،" ރައްޔިތުންނަށް ގާނޫނީ ވާޖިބު އޮޅުވައިލައިގެން ނުވާނެކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އާދަމް އާޒިމް ސަރުކާރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ، ސަރުކާރަށް ނުކޮށްދެވުނުހާ ގިނަ ކަންކަން، ސިޓީ ކައުންސިލުގެ ކުޑަ ބަޖެޓުން އޭނާއަށް ކޮށްދެވުން ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އާދަމް އާޒިމަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން މާލޭގެ ރައްޔިތުން ވެސް ބަލައިގަންނަ ބޭފުޅެއް ކަމަށެވެ.
"ހަމައެކަނި އެމްޑީޕީ މީހުންގެ ވޯޓަކުން އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބެއް ވެސް ނުކުރެވޭނެ. އެހެންވީމާ މުޅި މާލޭގެ އެންމެން ބަލައިގަންނަ ބޭފުޅަކަށް އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކޮށްދިނީމާ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވޭނީ،" ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާދަމް އާޒިމަކީ އެމްޑީޕީ ހިންގުމަށް ޓަކައި ވެސް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މަސައްކަތްކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ހަމައެކަނި މަގާމެއް ހޯދަން ނިކުމެ ހުންނެވި ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އޭނާ އަދާކުރައްވާ މަގާމުގެ ޒިންމާ ވެސް އެއަށްވުރެ ފުރިހަމައަށް އަދާކުރައްވާނެ އިތުރު އެހެން ބޭފުޅަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 16ވާ ހުކުރު ދުވަހެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އުޅުއްވައި، ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ.