ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން ހޯމް ނާސިން ކެއާގެ ޚިދުމަތާއެކު ކޮންމެ ތިން މަހުން ތިން މަހުން އެއް ފަހަރު، ބަލި މީހާގެ ގާތަށް ދާނެ ކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ހޯމް ނާސިން ކެއާއަކީ، ނަރުހުން ނުވަތަ އެހެނިހެން ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ބަލި މީހުންނަށް ފަރުވާއާއި އެހީ ފޯރުކޮށްދޭ ޚިދުމަތެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވައި ޑރ. ޒޭބާ ވިދާޅުވީ އާބަން ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތް މިހާރު ފަށާފައިވާއިރު އޭގެ ދަށުން ހޯމް ކެއާގެ ޚިދުމަތް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ބޭސްފަރުވާކޮށް، އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރާތްކޮށް ޗެކަޕް ހެދުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޒޭބާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާއިރު މިހާރު އެކަމުގެ ތަމްރީނުތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކު އެ ޕްރޮގްރާމް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ޒިޔާރަތް ކުރާނީ އައިޖީއެމްއެޗުގައި ރަޖިސްޓްރީވާ ބަލިމީހުންގެ ގާތަަށް އެކަނި ކަމަށް ޒޭބާ ވިދާޅުވިއެވެ.
ހަމައެއާއެކު ޒޭބާ ވިދާޅުވީ، މި ޚިދުމަތުގައި ކޮންމެ ތިން މަހަކުން ތިން މަހަކުން ބަލި މީހާ ގާތަށް އެތަނުގެ ޓީމުން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ޗެކަޕް ހެދުމާއި، ގޭގައި ބަލި މީހާއަށް އިތުރަށް ފަރުވާ ދިނުމަށް އާއިލާގެ ފަރާތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ މައުލޫމާތު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތް ހޯދަން ބޭނުންވާ މީހުންގެ ކިޔޫ ދިގުވެ، ފަރުވާ ލިބުން ލަސްވާ ކަމުގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. އެއާއެކު އަލަށް މި ފަށާ ހޯމް ނާސިންގެ ޚިދުމަތާއެކު ބޮޑެތި އެނދުމަތިކޮށްފައި ތިބޭ ބަލި މީހުންނަށް މިއީ ލިބޭނެ ބޮޑު ފަސޭހައެކެވެ.