ވަޒީފާތަ؟ އާސަންދަތަ؟ މެންބަރަށް ނޫނީ ނުވާނެ!

މި ސަރުކާރުން މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިގެން އުފާ ފާޅުކުރަނީ: ގައުމުގެ ކުރިމަގު ބައްޓަންކުރަނީ ރައްޔިތުން -- ފޮޓޯ/ ރައީސް އޮފީސް

ވަރަށް ގާތް ރަހުމަތްތެރިއަކާ ދިމާވިތަނާ ބުނެފިއެވެ. މި އުޅެނީ ވަޒީފާއެއް ހޯދާށެވެ. ކުރިން އަދާކުރި ވަޒީފާގައި އުޅެން ޖެހޭ ބުރަކަމާ އެއްވަރުގެ އެއްޗެއް އެކައުންޓަށް ނުވަންނާތީއެވެ. ކަނާއަތުން ކޮފީތަށީގައި ހިފާލާފައި، ކޮން ތަންތާކަށްހޭ ލައިގެން ތި އުޅެނީ އަހާލީމެވެ.

"އެމްޕީއަށް ސީވީ ފޮނުވައިގެން މި އުޅެނީ،"

އެއީ ގައުމު މިއަދު އޮތް ހާލަތެވެ. ވަޒީފާއެއް ވިއްޔާ ދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެވެ. ބޭސް ސިޓީއަކަށް ބޭސް ނުލިބުނަސް އެކަމުގެ ހައްލު ހޯއްދަވައިދެއްވާނީ އިއްޒަތްތެރި މެންބަރެވެ. ބަލިމީހަކަށް އާސަންދަ ހަމަނުޖެހުނަސް ފަރުވާއެއް ލިބޭނީ އެ ނަންބަރަށް ގުޅައިގެންނެވެ. ކިހާ ހެޔޮފުޅު ބައެއްތޯއެވެ؟ ކިހާ ބާރުގަދަ، މާތް އިއްޒަތްތެރިންތަކެއްތޯއެވެ؟

ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 38،000 އަށް އަރާއިރު، ސިވިލް ސާވިސްގައި ވެސް ތިބީ 30،000 އެވެ. ކުންފުނިތަކުގައި ގިނަވާނީ ކަމެއް ނުކުރާ، ފިންގާ ޖަހާލާފައި ގެއަށް/ކޮފީއަށް ދާ މީހުން ނޫން ހެއްޔެވެ؟

ބޭސް ސިޓީއެއް ހިފައިގެން އެއް ބޭސް ފިހާރައިން އަނެއް ފިހާރައަށް ހިނގާ މީހަކު ސޯޝަލް މީޑިއާއިން ނުފެންނަ ދުވަހެއް މަދުވާނެއެވެ. ސިއްހީ ކަމެއްގައި މާލެ އައިސް އުޅޭ މީހަކާ ބައްދަލުވެއްޖެ ނަމަ، ފަރުވާ ލަސްވުމާއި، އާސަންދަ ނުލިބުމާއި، ބޭސް ނުހުންނަ ވާހަކަ ނޫނީ ނުއިވޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ވާގޮތާއި، މައްސަލައަކީ ކޮބާކަން އެންމެންނަށް ވެސް އެނގެއެވެ.

ބަޔަކު ކޮފީއެއްގައި: ގައުމު އޮތީ ދެރަވަރު ހިސާބެއްގައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ހުރިހާ ކަމެއް ސިޔާސީ ކުރީއެވެ. އަސާގަނޑަކަށް ސިޔާސީ މީހެއް ހަދައިގެން ނޫނިއްޔާ ކޮންޓްރެކްޓަރުންނަށް ފައިސާ ވެސް ނުލިބެއެވެ. ބޭސް ސިޓީއަށް ބޭހެއް ވެސް ނުލިބެއެވެ. ރަހުމަތްތެރިޔާ ގޮތަށް، ވަޒީފާއެއް ބޭނުންވިޔަސް އެ ނޫން މަގެއް ނޯވެއެވެ.

މިއީ ސިޔާސީން ގަސްތުގައި ޖެހި މަޅިއެއް

މިއަށް ސިޔާސީ އިލްމުގައި ކިޔަނީ 'ކްލަޔަންޓެލިޒަމް'އެވެ. އެއީ، ސިޔާސީ ތާއީދު ހޯދަން ވަޒީފާ ނުވަތަ އެ ނޫން ވެސް ޚިދުމަތްތައް ދިނުމަށް ކިޔާ ނަމެކެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް މިއީ ކެމްޕޭން އުކުޅެއް ނޫނެވެ. މިއީ ވެރިކަން ކުރުމުގެ ވައްޓަފާޅިއެކެވެ. މި ކަމުން ވޯޓަށް ކުރާ އަސަރު ކުޑަކަމަށް ލެޓިން އެމެރިކާއާއި ސައުތު އޭޝިއާގައި ކޮށްފައި ހުރި ދިރާސާތަކުން ދައްކައެވެ. ވޯޓަކީ ސިއްރު އެއްޗެއް ވީމައެވެ.

އެކަމަކު، ހަގީގަތުގައި ހާލަތާ އެކު އެ ނަތީޖާއަށް ބަދަލު އާދެއެވެ. އެކަން ދިވެހި އިންތިޚާބުތަކުން ފެނެއެވެ.

މިސާލަކަށް، މިދިޔަ އެމްޑީޕީގެ ދައުރުގައި ސަރުކާރު ކުންފުނިތަކަށް ކިތައް ހާސް ވަޒީފާ އިތުރުވި ހެއްޔެވެ؟ ވަރަށް ކުޑަކުޑަ ހިސާބަކަށް ބަލާއިރު، 2019 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18،500 އެއްހާ މުވައްޒަފުންނެވެ. އެ އަދަދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ޖެހުނުއިރު ހުރީ 30،000 އާ ހިސާބުގައެވެ. ގާތްގަނޑަކަށް 11،000 ވަޒީފާ އިތުރަށް އުފެއްދީ ނޫން ހެއްޔެވެ؟

https://sun.mv/214395

އެކަމަކު، ރިޔާސީ އިންތިޚާބުން މޮޅެއް ނުވިއެވެ. މިދިޔަ މަޖިލީސް އިންތިޚާބާ ގުޅުވައި ވަކިވަކި މެންބަރުންގެ ދާއިރާތަކުން އެކަނި 50 އަށްވުރެ ގިނަ ވަޒީފާ ބަހާލި ވާހަކަ ކިޔައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ ޖެހުނުއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހުރީ 38،000 ގައެވެ. އެހެންވީމާ، އެއީ މުޅިން ދޮގެކޭ ނުބުނެވޭނެއެވެ. އެ މެންބަރުން އިންތިޚާބު ވެސް ވިއެވެ.

މިއީ ސްޓްރެޓީޖިކް އުކުޅެއް

"ހަމަ މީހަކަށް ވަޒީފާއެއް ދިނަސް އޭނާ ވޯޓެއް ނުދޭނެ. އެކަމަކު، އެ ޓެކްޓިކްސް ވޯކް ކުރާ ހާލަތްތައް ހުރޭ. މިސާލަކަށް އިދިކޮޅުގެ ބޮޑު މީހަކަށް، އާއިލާ ބޮޑު މީހަކަށް ބާރުގަދަ މަގާމެއް ދިނީމާ އެ އާއިލާގެ ކޮންޓްރޯލް ލިބޭ. މަގާމުގެ ދިފާއުގައި އެ މީހުން ކެމްޕޭންގައި ވެސް އުޅޭ. ދެން ފޫކަހާފައި ތިބޭ މީހުންނަށް ވެސް ވަޒީފާއެއް ދިނީމާ އަލުން އެބަ އޮންބޯޑްވޭ. މި ކަހަލަ ސްޓްރެޓީޖިކް ވިސްނުމަކުން ބެހީމާ ވަޒީފާގެ އަސަރު އިންތިޚާބުތަކަށް ކުރޭ،" ކެމްޕޭންތަކުގައި އުޅޭ މީހަކު އޭނާގެ ޚިޔާލު ކިޔައިދިނެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް ދިވެހި އާބާދީ ކުޑައެވެ. އެންމެން އެކަކު އަނެކަކު ދަނެއެެވެ. ފެނަކައަށް ދަމުން ކެމްޕޭން އޮފީހަށް ނުވަންނަ މީހާ ވެސް އެނގޭނެއެވެ. އާއިލާ ފޫކަހާފައި ހުރީ ކާކުގެ ކަން ވެސް އެނގޭނެއެވެ. އެހެންވެ، ދިވެހި ކޮންޓެކްސްޓްގައި މި ހަގީގަތް ވެސް އެކުލެވޭނެއެވެ.

https://sun.mv/212418

އެކަމަކު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖެއަށް ވުރެ މާ ބޮޑެތި، ވަރުގަދަ އިގުތިސާދުތަކުން މި ބޮނޑި ބޮއެފިއެވެ. ހައްދެއް ހުދޫދެއް ނެތި ވަޒީފާ ނުދެވޭނެއެވެ. އެއް ވޯޓު، ދެ ވޯޓަށް ހެދޭނީ ކިހިނެއްތޯ ވިސްނައިގެން ގައުމެއް ނުހިންގޭނެއެވެ. އެމެރިކާއިން މި ފިލާވަޅު ދަސްކުރީ 1800 ގެ އަހަރުތަކުގައެވެ. އޭގެ ފަހުން ސްޕެއިން، އިޓަލީ ފަދަ ގައުމުތަކުން 1900ގެ ފަހުކޮޅުގައެވެ. އޭގެ ފަހުން އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް މާ ހިތިކޮށް މި ފިލާވަޅު ލިބުނެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން މުސާރައަށް 13.4 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެ މުއްދަތުގައި ލިބުނު އާމްދަނީގެ 36 އިންސައްތައެވެ. އެކަމަކު، އެއީ ކުންފުނިތަކުގައި ތިބި 38،000 މުވައްޒަފުން ނުހިމަނައެވެ. އެ މުވައްޒަފުން ހިމެނީމާ 40 އިންސައްތައަށް މަތިވާނެއެވެ. އެ މުވައްޒަފުން ކުންފުނިތަކުގައި ތިބީ ވެސް އެހެންވެއެވެ. ބަޖެޓުން މި ނުރައްކާ ފޮރުވާށެވެ.

މާލީ ބޭފުޅުން ދަންމަވާ ރަތް ރޮނގަކީ ކިހާ ވަރެއްކަން އެނގޭ ހެއްޔެވެ؟

https://sun.mv/211001

މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ އާމްދަނީއާ އަޅާ ބަލާއިރު 25 އިންސައްތައަށްވުރެ ދަށްނަމަ އެއީ ބަރާބަރެވެ. ރާއްޖެ މި އޮތް 36 އިންސައްތައަކީ ނުރައްކާ ޒޯންއެވެ. ކުންފުނިތަކުގައި ތިބި މުވައްޒަފުން ހިމެނެމުން 40 އިންސައްތަ ހުރަސްކުރާނެއެވެ. އެއީ، ހައި ރިސްކް ނުވަތަ ދެން ތި ގޮވާނީ އަތަށްށޭ ބުނާ ޒޯންއެވެ. ރާއްޖެ މި އޮތީ އެ ހިސާބުގައެވެ.

އާސަންދައާއި ބޭސް ފަރުވާ ވެސް އެހެން

އިންތިޚާބެއް ގާތްވެއްޖެ ނަމަ އާސަންދައިގެ ޚަރަދު ބޮޑުވާނެއެވެ. ބަލިވާ މީހުން ގިނަވަނީ ކަންނޭނގެއެވެ. އޮޑިޓް އޮފީހުން ނެރުނު އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ރިޔާސީ އިންތިޚާބު އޮތް 2023 ވަނަ އަހަރު، އޭގެ ކުރީ އަހަރާ އަޅާކިޔާއިރު އާސަންދައިގެ ދަށުން ބޭހަށް ބޭރަށްދާ މީހުންނަށް ކުރި ޚަރަދު 35 އިންސައްތަ އިތުރުވިއެވެ. ޖުމުލަ 448 މިލިއަން ރުފިޔާ އެ ކަމަށް ހޭދަކޮށްލިއެވެ. އޭގެ ކުރީ އަހަރު ޚަރަދުކުރީ 333 މިލިއަން ރުފިޔާއެވެ.

މި ސްކީމްތައް މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއް ނޫންކަން ގިނަ މީހުންނަށް އެނގެއެވެ. މި ސަރުކާރުން ވެސް ގަބޫލުކުރެއެވެ. މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރީއިރު ވެސް އާސަންދައާއި، ސަބްސިޑީ ރިފޯމްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީ ތެރޭ ދަންވަނިކޮށް ނޫސްވެރިން ގެންގޮސްގެން ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވެރިން ވިދާޅުވިއެވެ. އެކަމަކު، އެ އަހަރު ނިމުނީ އެއް ކަމެއް ވެސް ނުވެއެވެ. ރިފޯމްކުރަން ނުކެރިގެން ތިބީއެވެ.

https://sun.mv/216159

އާސަންދައަށް މިދިޔަ އަހަރު ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާ ނަމަވެސް އަހަރު ނިމުނުއިރު ދެ ބިލިއަނަށްވުރެ ބޮޑު އެއްޗެއް އެ ކަމަށް ހޭދަވިއެވެ. ސަބްސިޑީއަށް 1.6 ބިލިއަން ލިޔުނުއިރު އަހަރު ނިމުނީ 3.4 ބިލިއަނަށްވުރެ ބޮޑު އެއްޗެއް އެ ކަމަށް ހޭދަކޮށްގެންނެވެ. ޖުމުލަ 5.5 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އެކަމަކު، އަދިވެސް އާސަންދަ ނުލިބޭ ވާހަކަ މަދުވޭ ހެއްޔެވެ؟ ބޭސް ފަރުވާއަށް ސަލާންޖެހުން ހުއްޓިއްޖެ ހެއްޔެވެ؟ ނޫނެކެވެ.

މި ކުރާ ބޮޑު ޚަރަދަކީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައަށްވުރެ މައްޗަށް ދަރަނި އަރާފައި އޮތް ރާއްޖެއަށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ.

އެއްކޮށްލީމާ އާމްދަނީގެ 55 އިންސައްތައަށްވުރެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ މުސާރައާއި އިނާޔަތްތަކާއި ސަބްސިޑީއާއި އާސަންދައާއި މި ނޫން ވެސް ވެލްފެއާ ކަންކަމަށެވެ. އަޖައިބުވެ އަންތަރީސް ނުވޭ ހެއްޔެވެ؟ އެއީ ހައި ރިސްކް މިންގަނޑެވެ. ރިފޯމްކޮށްގެން ނޫނީ ސަލާމަތްނުވާނެ ހިސާބެވެ. ރާއްޖެއަކީ ނިކަމެތި ނަމަވެސް އެންމެ މުއްސަނދި ގައުމުތަކުން ކުރާ ވަރަށް ޚަރަދުކޮށްލާ ގައުމެކެވެ. ލިބޭހާ އެއްޗެއް އެ ދަނީ 'އަޗާ ތެޅުމަށެވެ'.

https://sun.mv/215331

ވޯލްޑް ބޭންކާއި އައިއެމްއެފާއި އެ ނޫނިއްޔާ ވެސް މާލީ ކަމެއް ބަލައިލާ ބަޔަކު ވިއްޔާ 'ހެޔޮ ނުވާނޭ' ތިހެން ނުހަދާށޭ ނަސޭހަތްތެރިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ މިއީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށިގެން އަޅަން އަންގާފައި ހުރި ފިޔަވަޅުތަކެވެ. އެކަމަކު، އެ ވެރިކަމުގައި ވެސް، މި ވެރިކަމުގައި ވެސް އެ އިންޒާރުގެ ލިޔުންތައް ލީ ޑަސްބިނަށެވެ. ފަރުވާލެއް ނެތެވެ.

ރިފޯމް ނުކުރެވިގެން މި އުޅެނީ ކީއްވެ؟

ރިފޯމް އެއީ ވަރަށް ރީތި ބަހެކެވެ. އުނދަގޫ ގޮތެއް ހުންނާނީ ޚަރަދު ކުޑަކުރުން ފަދަ ޓާމެއް ބޭނުން ކުރީމައެވެ. އާސަންދައާއި ސަބްސިޑީ ރިފޯމް ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ އެއީ އެންމެންނަށް ލިބޭ ފަސޭހައެއް ވީމައެވެ. ލިބިލިބި ހުރި އެއްޗެއް ނުދޭން ނިންމާ މީހާއަށް ވާން އެއްވެސް ރައީސަކު ބޭނުންވާނެ ހެއްޔެވެ؟

ބިހޭވިއޮރަލް އިކޮނަމިކްސްގެ ދިރާސާތަކުން އެނގޭ ހަގީގަތަކީ ލިބިލިބި ހުރި އެއްޗެއް އަތުލުމުން މީހުން އަންނަ ރުޅި، އެ ފަދަ އެހެން އެއްޗެއް ދިނުމުން ވާ އުފަލަށްވުރެ ބޮޑު ކަމެވެ. ސިޔާސީ މީހާއަށް އެންމެ މުހިންމު ވާނީ އާންމު މީހާ އެ ކަމާ މެދު ދެކޭނެ ގޮތެވެ. އާސަންދަ ޚިދުމަތަށް ކޮންމެ ވެސް ވަރެއްގެ ކޯ ޕޭމަންޓެއް ނެގުން އެއީ އަދަބެކޭ މީހުން އިހުސާސް ނުކުރާނެ ހެއްޔެވެ؟ ފުދިގެން އުޅޭ މުއްސަނދިންނަށް އާސަންދަ ނުދޭން ބަހުސްކުރީމާ ބައެއް މަހުޖަނުން ވެސް ކޯފާވެވަޑައިގެން މިންވަރު ދެކެފިން ނޫން ހެއްޔެވެ؟ ލިބިލިބި އޮތް ކުޑަކުޑަ އެއްޗެއް ވެސް ގެއްލެން އެދޭނީ ކާކު ހެއްޔެވެ؟

https://sun.mv/210402

އާސަންދަ ބާއްވާށެވެ. މިސާލަކަށް އެންމެންނަށް މިދޭ ކަރަންޓާއި ކާޑުގެ ސަބްސިޑީއަށް ބަލައިލާށެވެ. ރާއްޖޭގައި ތިބި ބިދޭސީން ވެސް އެ ކަނީ ސަބްސިޑައިޒްކޮށްފައިވާ ހަނޑުލެވެ. ގޭބިސީއެއްގައި އުޅޭ އެންމެންގެ މުސާރަ 50،000 އަށްވުރެ މަތި ނަމަ، ކަރަންޓާއި ފެނުން ސަބްސިޑީއެއް ނުދޭނަމޭ ބުނެފިއްޔާ ރުޅި ނާންނާނަން ހެއްޔެވެ؟ މިދިޔަ މަހަށްވުރެ މި މަހުގެ ބިލުން 50 ރުފިޔާ ބޮޑުވިޔަސް މި ތިބެނީ ދަތްވިކައިގެންނެވެ.

ސަރުކާރުތަކަށް ރިފޯމްކުރަން ނުކެރޭ ސަބަބަކީ މިއީއެވެ. އެ ފަދަ ކަންކަމާ ކުޅުމަކީ ބަޑިބޭހާ ކުޅުން ފަދަ ކަމެކެވެ. ނޭނގި ހުއްޓާ އަނދައިދާނެއެވެ.

އެކަމަކު، ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ގޮތަށް މި ގައުމު ނުހިންގޭނެ ކަމެވެ. ދަރަނި ދައްކަން އިތުރު ދަރަނި ނަގައިގެން އަބަދު ކުރިއަށް ނުދެވޭނެ ކަމެވެ. ސިޔާސީ މީހުން، ވޯޓު ގިނަވާނެހާ ގޮތްގޮތަށް އެ ބަހާ ވަޒީފާތައް ތާއަބަދަކު ނުބެހޭނެ ކަމެވެ. ސަބްސިޑީއާއި ދައުލަތުން ދޭ ބޭސް ފަރުވާގެ އެހީއާއި އެ ނޫން ވެސް ވެލްފެއާ ސްކީމްތައް ރިފޯމްކޮށްގެން ނޫނީ ސަލާމަތްވާން ނެތް ކަމެވެ. ވިސްނާލަ ބަލާށެވެ. ކާޑާއި ކަރަންޓާއި ފެނާއި ބޭހަށް އެންމެ ނިކަމެތި މީހާއަށް ވެސް މި ލިބެނީ މަހުޖަނުންނަށް ވެސް ލިބޭ މިންވަރެވެ. އެއީ ވެސް އިންސާފެއް ނޫނެއް ނޫން ހެއްޔެވެ؟ ނިކަމެތި މީހައަށް ގިނައިން ލިބެންވާނެ ނޫންހެއްޔެވެ؟ ސިޔާސީ މީހެއްގެ ނަންބަރު ނޭނގޭ މީހަކަށް ވިއްޔާ ވަޒީފާއެއް ނުލިބެއެވެ. އެއީ ކިހާ ބޮޑު ނާއިންސާފެއް ހެއްޔެވެ؟

މިހާރު މި އޮތް ނިޒާމު އިންސާފުވެރިއެއް ވެސް ނޫނެވެ. ދެކޮޅެއް ވެސް ނުޖެހެއެވެ.

އެކަމަކު، މިއީ ރައްޔިތުން ބޭނުންވެގެން ނޫނީ ގެނެވޭނެ އިސްލާހެއް ނޫނެވެ. އާންމުން ބޭނުންވުމުން ނޫނީ ލިބޭނެ އިންސާފެއް ވެސް ނޫނެވެ. ދެކޮޅު ޖެއްސޭނެ ގޮތެއް ވެސް އޮންނާނީ ރައްޔިތުން ބޭނުންވުމުންނެވެ. ނޫން ނަމަ އޮންނާނީ ހަމަ މިހާރު މި އޮތް ބޭއިންސާފު، ދެކޮޅު ނުޖެހޭ ނިޒާމެވެ. ވަޒީފާއެއް ވިޔަސް، އާސަންދަ ވިޔަސް، މަޖިލީހުގެ މެންބަރަށް ނޫނީ ނުވާނެއެވެ.

comment ކޮމެންޓް