ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ރާއްޖެއަށް ލިބެންއޮތް 33.7 މިލިއަން ޑޮލަރު (519 މިލިއަން ރުފިޔާ)ގެ އެހީ, ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނުލިބި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިއަދު "ސަން"އަށް ވިދާޅުވީ، މި އެހީ ރާއްޖެއަށް ނުލިބި, ގެއްލުނީ ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާ ހެދި ކަމަށެވެ. ޚާއްސަކޮށް ދަރަނި މެނޭޖުކުރުމުގައި ފެއިލްވުމަކީ މި ފައިސާ ގެއްލުނު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ނިމިދިޔަ އަހަރު ރާއްޖޭން ހާސިލުކުރާނެ ކަމަށް ސަރުކާރުން ވޯލްޑް ބޭންކަށް ޔަގީންކަން ދިން ދެ ކަންތައް ހާސިލުނުވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުން ލޯން ނަގާއިރު ކޮންސެޝަނަލް ލޯނު ނޫނީ ނުނެގުން ކަމަށާއި ނަމަވެސް ސަރުކާރުން އަމަލުކުރީ އެގޮތަށް ނޫން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
"ސަރުކާރުން މިދިޔަ އަހަރު ނަގާފައި އެބަހުރި 14 ޕަސެންޓް އިންޓްރެސްޓްގައި އެސްޓީއޯ ތަންތަނަށް ވެސް ލޯނު. އެ ހިސާބުން އެ ފެއިލްވީތާ،" ޝަމްހީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވޯލްޑް ބޭންކުން އެއްބަސްވި ގޮތާ ރާއްޖޭން ހިލާފުވުމުން ދެން އެ ފައިސާ ލިބޭނީ އެހެން ގައުމުތަކަށް ކަމަށެވެ. އެހެންވެ، މަޖިލީހުގެ ދައުރު ދެން ފެށުމާއެކު މިކަމުގައި ސަރުކާރުން ފެއިލްވި ސަބަބު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.
"އެހެން ޤައުމެއްގައި ނަމަ، މަޖިލީހުގައި މިއަދު ހިނގަމުންދާނީ ވަޒީރު މަގާމުން ވަކިކުރުމުގެ ބަހުސް،" ޝަމްހީދު ވިދާޅުވިއެވެ.
މި ކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް އެ އިދާރާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅައި މެސެޖު ކުރި ނަމަވެސް މިހާތަނަށް ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިދިޔަ އަހަރަށް ފާސްކުރި ބަޖެޓް ވެސް ބޮޑަށް ހޭދަ ކޮށްފައިވަނީ އެކިއެކި ރިކަރަންޓް ޚަރަދުތަކަށެވެ. އޭގެ ތެރޭގައި މުސާރައާއި ދަތުރުފަތުރަށް ކުރި ހޭދަ ވަނީ އިތުރުވެފައެވެ.
ވޯލްޑް ބޭންކުގެ އެހީ ނުލިބޭ ކަމަށް ވިދާޅުވާއިރު މި އަހަރަކީ ދަރަނި ދެއްކުމުގައި ދިވެހި ދައުލަތަށް ވަރަށް ބާރުބޮޑުވާނެ އަހަރެކެވެ. މި އަހަރު ރާއްޖޭން ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.