މަޖިލިސް ޖަލްސާތައް މިހާރު ގާނޫނާ ޚިލާފު ކަމަށް ބުނެ، ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ނިންމައިފި

އެމްޑީޕީ ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި ކުރިން އިހުތިޖާޖު ކުރަނީ: މިހާރުގެ މަޖިލިސް ޖަލްސާތައް ގާނޫނާ ޚިލާފު ކަމަށް ވިދާޅުވެ، ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ވަނީ ނިންމާފައި-- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުން މިހާރު ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ގާނޫނާ ޚިލާފު ކަމަށް ބުނެ، އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެޓްރީ ގުރޫޕުން ނިންމައިފިއެވެ.

މިއަދު ވެސް މަޖިލީހުން ދައުރު ބޭރު ޖަލްސާއެއް ވަނީ ބާއްވާފައެވެ. މާދަމާ ވެސް އިތުރު ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިހާރު މަޖިލީހުން ބާއްވާ ޖަލްސާތަކަކީ، ގާނޫނު އަސާސީއާ ޚިލާފު ޖަލްސާތަކެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ޖަލްސާތައް "ބޮއިކޮޓް" ކުރުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

ކުޑޫ ވިދާޅުވީ، ޗުއްޓީގައި މަޖިލިސް އޮއްވައި، އެކަށީގެންވާ ނޯޓިސެއް ނުދީ، ދައުރުން ބޭރު ޖަލްސާތައް ބާއްވަނީ، ގާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހުތައް އަވަހަށް ފާސްކުރުމަށް ކަމަށެވެ. އެއީ، ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، އެ ކަމަކީ، ރައްޔިތުން ތަމްސީލު ކުރުމުގެ ހައްގަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި މެންބަރު ވަނީ ސިފަކުރައްވާފައެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީ ތަމްސީލު ކުރައްވަނީ، 12 މެންބަރުން ކަމަށްވާއިރު، މިއަދުގެ ޖަލްސާގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން ވަނީ އަވަސް އަރުވާލައިގެން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުން ކުއްލި ޖަލްސާތަކެއް ބާއްވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި ޕެންޝަން ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން އެޗްއާރުސީއެމްގެ ރައީސްއަކަށް މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ރަމީލާ އައްޔަން ކުރުން ފަދަ ބައެއް ކަންކަން ތާވަލުކޮށްގެންނެވެ. މަޖިލިސް ޗުއްޓީގައި އޮއްވައި ކުރު ނޯޓިސްއެއް ދީފައި ޖަލްސާތައް ބާއްވާތީ އެމްޑީޕީގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާގައި ވެސް އެ ކަންބޮޑުވުން ފާޅު ކުރެއްވެވިއެވެ..

comment ކޮމެންޓް