ސިވިލް ސާވިސްގައި ހެދުން އެޅުމުގެ ގަވައިދަށް އަދާލަތުގެ ތާއީދު: ''އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއް''

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ސިވިލް ސާވިސް މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތް ބަޔާންކުރާ ގަވައިދަށް، ސިވިލް ސާވިސް ކޮމިޝަނުން ގެނައި އިސްލާހަށް އެ ޕާޓީން ވަނީ ތާއީދުކޮށްފައި --- ފޮޓޯ/ އަދާލަތު ޕާޓީ

ސިވިލް ސާވިސް މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތް ބަޔާންކުރާ ގަވައިދަށް، ސިވިލް ސާވިސް ކޮމިޝަނުން ގެނައި އިސްލާހަށް އިދިކޮޅު އަދާލަތު ޕާޓީން ތާއީދުކޮށް، އެއީ އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި މިއަދު ސިފަކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން، އެ ޚިދުމަތާ ގުޅޭ ގަވައިދު އިސްލާހުކޮށް ގެޒެޓުކޮށްފައިވަނީ މިދިޔަ ހަފުތާގެ އަންގާރައިގައެވެ. އެ އިސްލާހުތަކާ ގުޅޭ ގޮތުން ގިނަ ބައެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

އެ އިސްލާހުތަކުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:

  • ފިރިހެން މުވައްޒަފުން ރަސްމީ ގަޑީގައްޔާއި ރަސްމީ މަސައްކަތުގައި އަތްދިގު ގަމީހާއި އަތްކުރު ގަމީހާއެކު ދަށަށް ޖަހައި، ޓައީ ބޭނުންކުރަންވާނެ.
  • ފިރިހެން މުވައްޒަފުން އޮފީހާއި ރަސްމީ މަސައްކަތުގައި ތިބެންވާނީ އޮފީސް ބޫޓަށް އަރައިފައި
  • އަންހެނުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަ ބައި ހުންނަންވާނ،ީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީ ބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް. އެފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ، ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް
  • ފޮތި ވާންވާނީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކަށް
  • އަންހެނުން އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫން

އެ އިސްލާހުތަކާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ، އެއީ ހެޔޮ ބަދަލުތަކެއް ކަމަށް ބުނެފައެވެ. އަދި އެއީ މުޖުތަމަޢުގެ ދީނީ އަދި އިޖުތިމާޢީ ސަލާމަތްތެރިކަމަށްޓަކައި އެޅި ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވެލާނާގެ: ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުގައި، އަންހެނުންނާއި ފިރިހެނުންގެ ހެދުން ހުންނަން ޖެހޭ ގޮތް ބަޔާންކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެންމެ ފުރިހަމަ ގޮތަށް ޢަމަލު ނުކުރެވުނު ނަމަވެސް ރަނގަޅު ގޮތާ ގާތްކުރާ ހެޔޮ ބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަމެވެ." އެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނީ، އިސްލާމް ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުކޮށްދޭ ދީން ކަމަށެވެ. އެގޮތުން، ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި، އަޚުލާގުގެ ވަރަށް މުހިންމު ބައެއް ކަމަށާއި އިސްލާމްދީނުގައި ހެދުން އެޅުމުގެ މަގުސަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫންކަން އަދާލަތުން ފާހަގަކުރިއެވެ.

އެ ޕާޓީން ވަނީ، ހެދުން އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ އައުރަ ނިވާކުރުމާއި، އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުންކަން ފާހަގަކޮށްފައެވެ. އަދި އިސްލާމްދީނުގައި އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށްވާ ވާޖިބު ކަމެއްކަން ހަނދާންކޮށްދީފައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ބަލަން ޖެހޭ މުހިންމު އަސާސްތަކުގެ ތެރޭގައި، އެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމަކަށް ނުވުމާއި، އެތެރެ ފެންނަ ފަދަ ތުނި ހެދުމަކަށް ނުވުން ހިމެނޭކަން ފާހަގަކޮށްފައެވެ.

"އައުރަ ނިވާކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެ އަމުރުފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ބާވައިލެއްވި ޙުކުމްފުޅަކާ ދެކޮޅު ހެދުމެވެ. އެހެންކަމުން އެއީ އެއްވެސް މުއުމިނު ފިރިހެނަކަށް ވެސް ނުވަތަ އަންހެނަކަށް ވެސް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫނެވެ." އެ ޕާޓީން ބުންޏެވެ.

އެހެންކަމުން، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭއިރު ފުރިހަމަ ގޮތުގައި އައުރަ ނިވާކޮށްގެން އުޅުމަކީ ރައްކާތެރި ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

https://sun.mv/216220

ސިވިލް ސާވިސް ކޮމިޝަނުން ގަވައިދަށް ގެނައި އިސްލާހަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ޕާޓީގެ "އަންހެނުންގެ ރޫހުން" ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދަށް ބަދަލު ގެނައީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސް އަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުން އުޅޭ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތު ކުރައްވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް