ގިނަ އަދަދެއްގެ ބޭރު ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލާން ހުޅުވައިލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: އެ މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލާން ހުޅުވައިލައިފަ -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ބޭރު އެކި އިދާރާތަކުންނާއި، ސަރުކާރުތަކުން ފަންޑުކުރާ ގިނަ އަދަދެއްގެ ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވައިލައިފިއެވެ.

އިއްޔެ އާއި މިއަދު އެ މިނިސްޓްރީން ވަނީ ސްކޮލަޝިޕް ފުރުސަތުތައް އިއުލާނުކޮށް ގެޒެޓުކޮށްފައެވެ.

މި ސްކޮލަޝިޕްތަކުގެ ތެރޭގައި ބުރުނާއީ ސަރުކާރުން ދޭ ފުރުސަތުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ބުރޫނާއީގެ ޔުނިވާސިޓީތަކުން ހިންގުމަށް ހަމަޖެހިފައިވާ މަތީ ތަޢުލީމު ހާސިލްކުރުމުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޯއައިސީ މެމްބަރު ޤައުމުތަކަށް އޮތްކަމަށް އެ ގައުމުގެ ސަރުކާރުން އަންގައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ސްކޮލަޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން އެދޭކަމަށް މިނިސްޓްރީން ބުންޏެވެ. ކޯސްތަކާބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ވަނީ އެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން ވާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ހަންގޭރީގައި ކިޔަވަން އެ ގައުމުން ދޭ ސްކޮލަޝިޕްތަކެއް ވެސް އެބަހުއްޓެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ ފަރާތުން ދޭ ސްކޮލަޝިޕްތަކެއް ވެސް އެބަހުއްޓެވެ.

ސްކޮލަޝިޕް ފުރުސަތުތަކަކަށް ހުޅުވައިލައިފައިވާއިރު، ދިވެހި ސަރުކާރުން ދަރިވަރުންނަށް ދިން ސްކޮލަޝިޕްތަކުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބެންޖެހޭ ފީތަކާއި، ފައިސާ ނުލިބިގެން އެތައް ޝަކުވާއެއް އަންނަނީ ކުރަމުންނެވެ.

އެ މައްސަލަ ބޮޑުވެފައިވާއިރު އެ ކަން ހައްލުވާނެ ސީދާ ތާރީޚެއް އެ ދަރިވަރުންނަށް އަދިވެސް ބުނެދީފައިނުވާކަމަށް ދަރިވަރުންގެ ފަރާތުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް