ބަނގުރަލާއެކު ހައްޔަރު ކުރުމުން: "އެއީ ހަދިޔާއެއް، ނުވެސް ކަނޑަން"

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްތުވާތަކެއްޗާއި ބަނގުރަލާއެކު މާލެއިން ހައްޔަރު ކުރި މެދުއުމުރުގެ ދިވެއްސަކު, އޭނާގެ އަތުން ފެނުނު ބަނގުރަލަކީ މީހަކު ދިން ހަދިޔާއެއް ކަމަށް ކޯޓުގައި ބުނެފިއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި ޓްރެފިކް ކުރުމުގެ އިތުރުން ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 10 ގްރާމަށް ނާރާނެ ކަމަށެވެ.

އަދި އޭނާގެ އަތުން ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށާއި އެ ނުވެސް ކަނޑާ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

ގާޒީގެ އަމުރުގައި ބުނެފައިވަނީ އޭނާގެ ވާހަކަތަކަށް ބަލާއިރު ބަނގުރާ ގެންގުޅު ކަމާއި މަސްތުވާތަކެތި ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވާކަން އެނގޭތީ ތުހުމަތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް އަމުރުގައިވެއެވެ.

comment ކޮމެންޓް