ސަރުކާރުން މުސާރަ ދިނުމަށް އެކަނި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ކުރި ހޭދަ މިދިޔަ އަހަރަށް ވުރެން 464.3 މިލިއަން ރުފިޔާ އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ މުސާރައަށް އެކަނި މިއަހަރު ހަ ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދު ކޮށްފައިވަނީ 5.6 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި އެ ވަނީ މިދިޔަ އަހަރަށް ވުރެން އިތުރަށް މުސާރައަށް 464.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އެއީ 8.29 ޕަސެންޓްގެ އިތުރުވުމެކެވެ.

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މުވައްޒަފުންނަށް ދިން އެލަވަންސަށްބަލާއިރު އެހާތަނަށް ވަނީ 5.3 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކަމަށް ޚަރަދު ކޮށްފައިވަނީ ފަސް ބިލިއަން ރުފިޔާއެވެ. މިއީ 294.6 މިލިއަން ރުފިޔާ ނުވަތަ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
ޕެންޝަނާއި ރިޓަޔާމަންޓް އިނާޔަތަކަށް ބަލާއިރު މި އަހަރު އެހާތަނަށް ވަނީ ދެ ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދު ކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. މިއީ 140.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދަރަނި ބޮޑުވެ, އިގްތިސާދީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ގައުމުގެ ޚަރަދުތައް ކުޑަކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ސަރުކާރުތަކުން ޚަރަދުތައް ކުޑަ ކުރަން އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވެސް އެކި ނަންނަމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތައް ބެހުން ވަނީ ވަރަށް އިތުރުވެފައެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބީ ޕަބްލިކް ސެކްޓަރުގައެވެ. މިކަމުގެ ސަބަބުން މަސްވެރިކަން ފަދަ ސިނާޔަތްތަކަށް ހުރަސްއެޅި, އުފެއްދުންތެރިކަމަށް ވެސް އަސަރު ކުރެއެވެ.