ހުޅުމާލޭގެ މަގުތަކުގައި އެންމެ ފަހުން އަޅައި، ޝަކުވާ ބޮޑުވުމުން ނެގި ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ، އޭގެ ޒާތުގައި ރަނގަޅު ބަމްޕަރުތަކެއް ކަމަށާއި، މައްސަލައަކީ އުސޫލުގެ ތެެރެއިން އަމަލުކުރަންޖެހޭނަމަ ބައެއް ދިވެހީންނަށް އެކަން ޝަކުވާއަކަށްވުން ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ތިން މަހެއްހައި ދުވަސްކުރިން ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތަކެއް އެޗްޑީސީން ހަރުކުރިއިރު، އެ ސްޕީޑް ބްރޭކަރުތަކާމެދު އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެހެންވެ އެ އެއްޗެހި ނަގަން އާންމުން ޚިޔާލު ހުށަހެޅުމުން އެންމެ ފަހުން އެ ނެގީއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމަށް އަލިއަޅުއްވައިލައްވައި ފަސީހު ވިދާޅުވީ ހުޅުމާލޭގައި ބަމްޕަރު އެޅުމުގެ މަސައްކަތަށް، އެ ތަކެތީގެ ސައިޒުތަކާއި ހުންނަންވީ ކަންކަމުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރި ކަމަށެވެ. ހުޅުމާލޭގެ މަގުމަތީގައި އެޅި ބަމްޕަރުތަކަކީ ރާއްޖޭގައި އަލަށް އެޅި ބަމްޕަރުތަކެއް ނޫންކަމަށާއި އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ބަމްޕަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް އެ ހެދިފައި ހުރި ގޮތުން އާންމުކޮށް މީހުން ދުއްްވާ ބޮޑު މަގެއްގައި އެގޮތަށް ތަންކޮޅެއް، އެޅިފައި ހުރި ގޮތުން ކަންނޭނގެ މީހުންނަށް އުނދަގޫވެގެން ޝަކުވާކުރީ،" ފަސީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޯހީ ބަމްޕަރެއް ނޫން ކަމަށާއި ދުއްވާ މީހުންގެ އަމަލުތައް ކަމަށެވެ. އެގޮތުން ބަމްޕަރަށް އެރުމުގެ ކުރިން ސްޕީޑް މަޑުކުރަންޖެހޭ ވަރަށް މަޑުކުރާނަމަ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގެ މައި މަގުކަމަށްވާ ނިރޮޅުމަގުގައި ބަމްޕަރު އެޅުމުން އެކްސިޑެންޓް މަދުވިކަން ފާހަގަ ވެސް ވިކަމަށެވެ. އެހެންކަމުން އެ ބަމްޕަރުތަކަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް އޮތް އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް: އެ ބްރޭކަރުތައް ކަމުނުދާ ކަމަށް ބުނެ ފާޑުކީ ---- ފޮޓޯ/ އެޗްޑީސީ
"އެހެންނަމަވެސް ރައްޔިތުންގެ ޝަކުވާއަށް ބައްލަވައިފައި ރައްޔިތުންނަށް އޭގެ ސަބަބުން ތަކުލީފުތަކެއް ވާތީ އެ ގެންދިޔައީ. އެހެންނަމަވެސް އެއީ ދިވެހިރާއްޖޭގައި އެކަނި ބޭނުންކުރާ ބަމްޕަރުތަކެއް ނޫން. ހަމަ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޭނުންކުރާ ބަމްޕަރުތަކެއް އެއީ. ދިވެހިރާއްޖޭގައި ހައްދައިގެން ގެނައި އެއްޗެއް ވެސް ނޫން. ހަމަ އެހެން ތަންތަނުން ސްޓޭންޑަޑް ބަމްޕަރު އެއީ. އެހެންވީމާ ބަމްޕަރުގެ ސީދާ މައްސަލައެއް ހުރިކަމަށް އަޅުގަނޑުމެންނަށް އެއްގޮތަކަށް ފާހަގައެއް ނުކުރެވޭ،"
މީގެ އިތުރުން ފަސީހު ވަނީ ހުޅުމާލޭގެ މައި މަގުގައި ރައުންޑްއެބައުޓް ހެދުމުން ވެސް ބައެއް އާންމުން ފާޅުކުރި ނުރުހުންތަކަށް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ ރައުންޑްއެބައުޓްތައް ވެސް ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޓްރެފިކް ފްލޯ ދައުރުކުރާނެ ކަމަށެވެ.
"އެހެންނަމަވެސް ދިވެހީންގެ ތެރޭ ބައެއް ބޭފުޅުންނަށް މި ވާ ގޮތަކީ އެއްވެސް ވަރަކަށް މަޑުކޮށްލައިގެން އޭގެ ރަނގަޅު ގޮތުގައި ދާންވެއްޖެޔާ އެއީ ޝަކުވާއަކަށް ވެގެން ދަނީ. އެހެންނަމަވެސް އޭގެ ސަބަބުން ލިބޭ ރައްކާތެރިކަން އެމީހަކަށް އަސްލު އިހުސާސެއް ނުކުރެވޭ އެ ވަގުތަކު،" ފަސީހު ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ މަގުމަތީގައި ދުއްވާ ދުވެލި މަޑުކުރަންޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އެހެން ނޫންނަމަ މާލެ ހުޅުމާލެ ފަދަ ތޮއްޖެހިފައިވާ މަގުތަކުގައި ބާރަށް ދުއްވައިގެން ލިބޭ އަނިޔާތަކާއި ގެއްލުންތައް މަދުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ސަލާމަތްތެރިކަމަށް އިސްކަންދޭން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވެސް ފަސީހު ވިދާޅުވިއެވެ.