ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކަނޑޫމާ ތިލަ ކައިރިން ފެނުނު މަރުވެފައި އޮތް ބިދޭސީ މީހާ ---ފޮޓޯ/ ކިޔުންތެރިއެއް

ކ. ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:17 އެހާކަށްހާއިރު ކަމަށެވެ.

މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިގޮތަށް ބުނެފައިވާއިރު ކަނޑުމަތީގައި މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން އެބަދެއެވެ.

ކަނޑޫމާ ތިލައަކީ ޑައިވިން ޕޮއިންޓެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.

ޑައިވިން އަދި ސްނޯކްލިންއަށް ގޮސް އުޅޭ ބިދޭސީން ގެއްލިގެން ރިޕޯޓްކުރުމާއި ކަނޑަށް މަރުވުމުގެ ހާދިސާތައް ވަރަށް އާންމެވެ. އެގޮތުން އއ. އުކުޅަހުން ވެސް ރަޝިއާ މީހަކު ކަނޑަށް ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭ ވަނީ ކޮންޓެއިނަރު އުފުލާ ދޯންޏަކުން ވެއްޓުނު މީހަކު ވެސް ކަނޑުމަތިން މަރުވެފައި އޮއްވައި ފެނިފައެވެ.

މޫސުން ގޯސް ދުވަސްތަކުގައި އެފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް