މާލެއަކީ ހަމައާއި އުސޫލު ތަންފީޒުވާ، ސިޓީއަކަށް ހަދައިދޭނެކަމަށް މާލެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ކުރީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އޮތް އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި، އާޒިމަށް ތާއީދުކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގަތެވެ.
އާޒިމް ވިދާޅުވީ، ޕްރައިމަރީގެ މަސައްކަތަށް މާލޭ ސަރަހައްދުގައި ޑޯޓުޑޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ހަރަކާތުގައި ބައްދަލުވާ ގިނަ މީހުން ފާހަގަކުރާ ބުނާ އެއް ވާހަކައަކީ "ދެން މާލެ ބަދަލުކުރެވޭނެ، ނުވަތަ ރަނގަޅު ކުރެވޭނެ އެއްވެސް މީހަކު ނެތް" ކަމަށެވެ. އެގޮތުން ހުރިހާ ޕާޓީތަކެއްގެ މޭޔަރުން އައިސްފި ކަމަށާއި ނަމަވެސް ވީ ކަމެއް ނެތްކަމަށް ރައްޔިތުން ބުނަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް އެއީ ގޯސް ވިސްނުމެއް ކަމަށާއި، އޭނާއަށް އެ ބަދަލު ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވަން އޮތީ، ނޫނެކޭ އަޅުގަނޑު ބަދަލު ގެންނާނަމޭ. އަޅުގަނޑަށް ބަދަލު ގެނެވޭނެޔޭ. އަޅުގަނޑުގެ އެބައޮތޭ ވިސްނުމެއް އަޅުގަނޑެ އެބައޮތޭ އިޚުލާސްތެރިކަމެއް. އަޅުގަނޑުގެ އެބަހުއްޓޭ ކަންކަން ކުރާނޭ ގޮތް ވިސްނުމުގައި،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބޭނުންވަނީ އާންމު ވިސްނުމުގެ ބޭރުން ދެތިން ކަމެއް ކުރުމަށް ކަމަށާއި، އެ ހިތްވަރު ހުރެއްޖެ ނަމަ ކަންކަން ބަދަލުވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އެއް ކަމަކަށް، ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ އެކުލަވާލެވުނު ސިޓީ ކައުންސިލްތަކަށް ދިފައިހުރި ބާރުތައް ރަނގަޅަށް ބޭނުންކުރާނަމަ މާލެއަކީ ހަމައާއި އުސޫލުން ހިނގާ ތަނަކަށް ހެދޭނެ ކަމަށެވެ.
އޭނާ އެ ކަން ކުރައްވާނެ ކަމަށާއި، އެކަމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މާލެއަކީ މުއްސަނދި ތަނެއްކަމަށާއި އެ މުއްސަނދިކަމުގެ ފައިދާ މާލޭގެ ރައްޔިތުންނަށް ލިބޭނެ މަގު ހަމަޖައްސައިދިނުން މުހިންމު ކަމަށެވެ. އެގޮތުން މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ ކުލިތައް ހޯދުމާއި، އެ ފަދަ ބިންތަކުން ފުރިހަމަ ނަފާ ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގެ ގޭބިސީތަކުގެ ފެނާއި ކަރަންޓު ބިލުތައް ކުޑަކޮށްދީ، މާލޭގައި ނުހެދި ހުރި ގެތައް ހެދޭނެ ގޮތެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.
އެއާއެކު އާޒިމް ވިދާޅުވީ މާލެއަކީ "ސަޅި"ތަނަކަށް ހަދަން އޭނާ ވަރަށް ބޮޑު ތަސައްވުރެއް ގެންގުޅުއްވާ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭ، އުފެދުނު ޚިޔާލު ތަފާތުވުމާ ގުޅިގެން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި ވެސް އުޅުއްވި އާޒިމް ވިދާޅުވީ އެމްޑީޕީ ޕޯޑިއަމްގައި ހުއްޓެން ލިބޭ ކޮންމެ ފަހަރަކީ އުންމީދުތަކެއް އާވާ، އުފާވެރި، ފަޚުރުވެރިކަން އިހުސާސްވާ ކަމެއް ކަމަށެވެ.
ސަބަބަކީ އެމްޑީޕީގެ ޕޯޑިއަމަކީ ރައްޔިތުންނަށް އެއްވެ އުޅުމުގެ ހައްގާއި، ޚިޔާލުފާޅުކުރުމާއި، ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރި ކޮންމެ ބޭފުޅަކު ވެސް މަސައްކަތް ފެށި ޕޯޑިއަމް ކަމަށް ވާތީ ކަމަށެވެ.