މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށްވާ، ރަސްމާލޭގެ ދަތުރުފަތުރާ ގުޅޭ މާސްޓާޕްލޭނެއް އެކުލަވާލުމަށް ލަފާ ހޯދަން މި މަހުގެ އަށް ވަނަ ދުވަހު ކުރި އިއުލާނަށް ބަދަލު ގެނެސް، ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާނެއް ނެރެފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ އަށެއްގައި ނެރުނު އިއުލާނެއްގައި ވަނީ، ރަސްމާލޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ޕްރިޕަރޭޝާން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓެންސީ ޚިދުމަތް ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއަށްފަހު މިއަދު އަލުން ނެރުނު އިއުލާނުގައިވަނީ، ކޮންސަލްޓެންސީ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އެހެންކަމުން، ލަފާ ހޯދާ މަސައްކަތްތަކުގެ ތެރެއިން، ރަސްމާލޭގެ އެތެރޭގައި ގާއިމުކުރާނެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބައި ވަނީ އުނިކޮށްފައެވެ.
އެ އިއުލާނުގައި ވަނީ، މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަން އެދިފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ފަންނީ ގާބިލު ކަމާއި، މަސައްކަތާ ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި މަސައްކަތްތަކުގެ އަގު އެނގޭނޭހެން ލިޔެކިޔުން ހިމެނުމަށް އެދިފައިވެއެވެ.
ހަމައެއާއެކު، ކުންފުނީގެ މުވައްޒަފުންގެ އެފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަމާއި ކުންފުނީގެ އެފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން ލިޔެކިޔުން ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުން: ރައީސް ވަނީ އަންނަ އަހަރު ރަސްމާލެ ހިއްކައި ނިމޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ދީފައިވާ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މީގެ ކުރިން އީއޯއައި ހުށަހަޅަން އޮތީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ މި މަހުގެ 31ގެ 14:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއުގެ ގޮތުގައި "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވީ ޑިސެންބަރު 18، 2023ގައެވެ.
އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަށް މަހުން ނިންމާނެ ކަމަށެވެ. ނަމަވެސް އެ މަަސައްކަތް ލަސްވަމުން ގޮސް، ސަރުކާރަށް ދެ އަހަރަށްވުރެ އިތުރުވީއިރު ވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރަސްމާލެ ހިއްކަން މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފައިވާއިރު، ރައީސްވަނީ ރަސްމާލެ ހިއްކުން އަންނަ އަހަރު މާޗު ނުވަތަ އޭޕްރީލް މަހު ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22ގައި ރައީސް ވަނީ، ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެފަދަ ޓަނަލެއް އެޅުމުގެ ޓެކްނޮލޮޖީއެއް ދުނިޔޭގައި މި ވަގުތު ފެންނަން ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ރައީސް އެ ތަސައްވުރު ދެކެވަޑައިގަތީމާ ދެން އޮންނާނީ އެ ކަމަށް މަސައްކަތްކުރުން ކަމަށެވެ. އެކަން ކުރެވޭނެކަމަށް ބާރުދެއްވައި މުއްތަލިބު ވިދާޅުވީ އެމެރިކާއިން ހަނދަން ދާން، ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ތަސައްވުރު ދެކެވަޑައިގަތީ ކުރިން ބަޔަކު ހަނދަށް ގޮސްގެން ނޫންކަމަށެވެ.
އެހެންވެ، ކަނޑުއަޑީގެ ޓަނަލް އަޅަން ބޭނުންވާ މަސައްކަތް ކުރާނެކަމަށާއި އެ ކަމަށް ވަގުތު ވެސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އެ ކަމަށް މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ފީޒިބަލް ވާނެ ގޮތްތައް ވެސް ބަލަން ޖެހޭނެކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން 64 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް އަންނަ އަހަރަށް ފާސްކޮށްފައިވާއިރު، އެ ބަޖެޓުގައި ބްރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ އިތުރު ތަފުސީލެއް ދީފައިނުވެއެވެ.