ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް, ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލް ވާދަކުރައްވާ ގޮތަށް ނިންމަވައިފިއެވެ.
ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރުމަށް ޓިކެޓަށް ހުޅުވާލި ފުރުސަތުގައި، މާލެ މޭޔަރުކަމަށް، މޫސާ އަލީ ޖަލީލް ކުރިމަތި ލެއްވިކަން 'ސަން' އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ، ޕާޓީގެ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި، މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލެެއްވީ އެންމެ ބޭފުޅެއްކަމަށެވެ.
އަދި އެއީ ސޯޝަލް މީޑިއާގައި މިހާރު ވާހަކަ ދެކެވެމުން އަންނަ ބޭފުޅާ ކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް ސީދާ ކޮން ބޭފުޅެއްކަން ވިދާޅު ނުވެއެވެ.
މޫސާ އަލީ ޖަލީލް މާލޭ މޭޔަރުކަމަށް ކުރިމަތިލައްވާކަމުގެ އަޑުތަކެއް ފެތުރެމުން އަންނަތާ ދެ ދުވަހެއް ވަނީ ވެފައެވެ.
ރިޓަޔާޑު މޫސާ އަލީ ޖަލީލަކީ ދިވެހިރާއްޖެއަށް 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވިއެވެ.
ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހެވެ.