ބޮންޑައި ބީޗުގައި ދިން ހަމަލާއަކީ ފިނޑި އަމަލެއް، އެފަދަ އަމަލުތަކަށް ޖާގައެއް ނެތް: ފޮރިން މިނިސްޓްރީ

ބޮންޑައި ބީޗުގައި މަރުވި މީހުންގެ ހަނދާނުގައި އާއިލާތަކުން ހިތާމަ ފާޅުކޮށް، މާ ބޮނޑި ބަހައްޓަނީ --- ފޮޓޯ: ބީބީސީ

އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ މަޝްހޫރު ބޮންޑައި ބީޗުގައި ޔަހޫދީންގެ ހަފުލާއެއް ކުރިއަށް ދަނިކޮށް ދިން ބަޑީގެ ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދެބަފައިން ވެގެން ދިން ބަޑީގެ ހަމަލާގައި މިހާތަނަށް 15 މީހަކު މަރުވެ، 42 މީހަކު ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭ އުމުރުން ދިހަ އަހަރުގެ ކުޑަ ކުއްޖަކާއި 87 އަހަރުގެ މީހަކު ހިމެނެއެވެ.

އެ ހަމަލާ ކުށްވެރިކޮށް، އެއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށް އިއްޔެ ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، އެފަދަ އަމަލުތަކަށް މި މުޖުތަމައުގައި ޖާގަ ނެތް ކަމަށެވެ.

ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި ފޮރިން މިނިސްޓްރީން ބުނީ، އޮސްޓްރޭލިއާގެ ހިތާމައިގައި ދިވެހި ސަރުކާރުން ބައިވެރިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ މިފަދަ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ދެމި ތިބޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.

https://sun.mv/215319

ބޮންޑައި ބީޗުގައި ޔަހޫދީންގެ ހަފުލާއެއް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާދީ މީހުން މަރާލުމުގައި ބައިވެރިވީ އުމުރުން 50 އަހަރުގެ ބައްޕައާއި، އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅެވެ. އޭގެ ތެރެއިން ބައްޕަ މަރުވެފައިވާއިރު، ދަރިފުޅު އޮތީ ހޮސްޕިޓަލުގައި ސީރިއަސް ހާލަތެއްގައެވެ. ބީބީސީން ރިޕޯޓުކުރި ގޮތުގައި ބަޑި ގެންގުޅުމުގެ ހުއްދަ ދެބަފައިންނަށް އޮވެއެވެ.

އޮސްޓްރޭލިއާ ގަޑިން އިއްޔެ އިރުއޮއްސި 6:47 ހާއިރު ދިން އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ހަފުލާއެއް ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް، އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅައިފައެވެ. އެ ކަމާ ގުޅިގެން އޮސްޓްރޭލިއާގެ ދިދަ، ބައި ދަނޑިއަށް ތިރިކުރުމަށް ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވަނީ ނިންމަވައިފައެވެ.

މީގެ އިތުރުން އަލްބަނީސް ވަނީ، އޮސްޓްރޭލިއާގައި ބަޑި ގެންގުޅުމުގެ ގާނޫނު ހަރުކަށިކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީހުންނަށް ބޭނުންކުރެވޭ ބަޑީގެ އަދަދު މަދުކުރުމަށް ގާނޫނު އިސްލާހުކޮށް، ބަޑި ގެންގުޅުމުގެ ހުއްދަތައް މުރާޖައާކުރާނެ ކަމަށް ވިދާޅުވިއެވެ.

ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ.

comment ކޮމެންޓް