ޓީޗަރުންނަށް ދަރިވަރުން ހަނގާކޮށް އުނދަގޫކުރުން އައްޑޫ ހައި ސްކޫލުގައި އާންމު ކަމަށާއި، އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ އިސްވެރިން ފެއިލްވެފައިވާ ކަމަށް، ޓީޗަރުންގެ އެސޯސިއޭޝުން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައެވެ. އެ މައްސަލައިގައި ޓީޗަރާއި ދަރިވަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ޓީޗަރުންގެ އެސޯސިއޭޝަނުން ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށާއި، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެފަދަ މައްސަލަތަކުގައި ވާނުވާ ރަނގަޅަށް ނުބަލައި ޓީޗަރަށް ހަމައެކަނި އަދަބު ދިނުމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދޫކޮށް، ދާއިރާ ދެކެ ފޫހިވުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ގިނަ ބަޔަކު ދަނީ ޓީޒަރުގެ ދިފާއުގައި ޚިޔާލުފާޅުކުރަމުންނެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާއި ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެއީ އެ ސްކޫލުގައި އާންމު ކަމެއް ކަމަށް، އެ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"އަދި މި ކަމަކީ އެ ސްކޫލުގައި އާންމު ކަމަކަށްވެ، ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާޚިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުން،" ޓީޗަރުގެ ވީޑިއޯ އާންމުވެ، ސަސްޕެންޑުކުރި ކުރުމަށް އިޝާރާތްކޮށް އެ ބަޔާނުގައި އެސޯސިއޭޝަނުން ބުންޏެވެ.
"އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން މި އެސޯސިއޭޝަނުން ބެލި ބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން. މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއްނޫން،" އެ އެސޯސިއޭޝަނުން އިތުރަށް ބުންޏެވެ.
ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް، ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެކަން ޓީޗަރުންގެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ވެސް ގޮވާލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އެ ސްކޫލުގެ ޓީޗަރަކާ ދެމެދު، މިދިޔަ ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑުކުރީ ޓީޗަރެވެ. އޭގެ ފަހުން، އަޚުލާގީ ޕްރޮގްރާމެއް ފުރިހަމަކޮށް ޓީޗަރު ގާތުން މައާފަށް އެދެން ދެން އައްޑޫ ސްކޫލުން ވަނީ ދަރިވަރު ސަސްޕެންޑުކޮށްފައެވެ.
ފުލުހުންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
މި ތަޅައިފޮޅުމުގައި ގިނަ ބަޔަކު ޓީޗަރުގެ ދިފާއުގައި ޚިޔާލު ފާޅުކޮށްފައިވާއިރު، 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ގްރޭޑް ނުވައަކުން ފެށިގެން އަޚްލާގީ އެކި މައްސަލަތަކުގައި ޑިސިޕްލިން ރެކޯޑު ވެސް އޮތް ދަރިވަރެކެވެ. އަދި އެ ދަރިވަރުގެ ފަރާތުން ބިދޭސީ ޓީޗަރަށް، ބުލީކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް މީގެ ދެ ހަފުތާއެއްހައި ދުވަސްކުރިން ފެށިގެން ލިބެމުން އަންނަކަމަށް ވަނީ އެނގިފައެވެ.