މަޝްހޫރު ބޭންޑު، ޓްރެފިކް ޖޭމްގެ ލައިން އަޕަށް އިތުރު ދެ މެންބަރުން ގުޅުނުކަން ރަސްމީކޮށް އެ ބޭންޑުން އިއުލާނުކޮށްފިއެވެ.
އެ ބޭންޑާ އަލަށް ގުޅިފައި ވަނީ، މިއުޒީޝަން، އަބްދުﷲ އަރަފާތު (އައްޑޮ)އާއި ޑްރަމަރު، އިބްރާހީމް ސާމިހު (އިއްބެ)އެވެ.
އެކަން އެ ބޭންޑުން އިއުލާނުކުރީ، ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބެލުންތެރިން ކެތްމަދު ކުރުވާފައެވެ.
ބޭންޑުގެ މި އިއުލާނާއެކު، ފަސް ދުވަހުގެ ތެރޭގައި ބޮޑު ސަމާލުކަމެއް އެ ބޭންޑަށް ވަނީ ލިބިފައެވެ. މި މުއްދަތުގައި 130،000އަށް ވުރެ ގިނަ ވިއުސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ބޭންޑަށް ވަނީ ލިބިފައެވެ.

ޓްރެފިކް ޖޭމާ ގުޅުނު އިއްބެ --
އަލަށް އެ ބޭންޑާ ގުޅުން އައްޑޮއަކީ، މިއުޒިކް ދާއިރާގެ ގިނަ ފަންނާނުންނާ އެކީ މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭގެތެރޭގައި، ލަވަކިޔުންތެރިޔާ އިސްމާއީލް އައްފާނާއި މަރިޔަމް އުނޫޝާ (ކިޑީ) ހިމެނެއެވެ. އޭނާ ވަނީ ފަސީ ލައިވް، ވަލު އިލްމު، އީމަންސް ކޮންސްޕިރެސީ، ނިޝް ނާޝިދުގެ ފައުންޑިން މެންބަރުގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޭނާގެ މަސައްކަތްތަކުގެ ތެރޭގައި، އިލްސައިޓްގެ އަލްބަމް "އާފްޓާ ލައިފް"އާއި ފަސީ ލައިވްގެ "ވެންޖެންސް"ގެ އިތުރަށް އައްފާންގެ "ގެނބެންދެން" އަލްބަމް ފާހަގަކުރެއެވެ.
އޭގެ އިތުރަށް، އެ ބޭންޑާ ގުޅުނު އިއްބެއަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަންނާނެކެވެ.

ޓްރެފިކް ޖޭމްއާ ގުޅުނު ގިޓަރިސްޓް އައްޑޮ --
އޭނާ ވަނީ، ބޭންޑު މެޒޯއާއި، ޒީރޯ ޑިގްރީއާއި، އެޓޯލް ފަދަ ބޭންޑުތަކުގައި ޑްރަމަރަކަށް މަސައްކަތް ކޮށްފައެވެ. އިއްބެ ވަނީ، ޓިއުމާ ފަދަ ބޭންޑުތަކުގެ ފައުންޑިން މެންބަރުކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި އިއްބެއަކީ، މިއުޒިކް ޕްރޮޑިއުސްކޮށް، ކޮމްޕޯޒު ވެސް ކުރާ މީހެކެވެ.
އެ ދެ މީހުން ހިމަނައިގެން ޓްރެފިކް ޖޭމްއިން ފުރަތަމަ ހުށަހަޅަން ހަމަޖެހިފައި ވަނީ، މި މަހުގެ 18 ވަނަ ދުވަހެވެ. އެއީ، އެ ދުވަހުގެ ރޭ 20:00ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ އުރީދޫ 'ފަން ރަން' މިއުޒިކް ޝޯގައެވެ.