ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫޒް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި އިހުތިޖާޖާ ހައްޔަރުކުރި އެންމެންގެ ބަންދަށް ވެސް ޖަހައިފައިވަނީ ފަސް ދުވަސް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ބަންދު މުއްދަތުޖަހަން ގެންދިޔައީ ތިން މީހުންނެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރެވެ.
އެ ޔޫނިއަނުން އަންނަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
އެ އިހުތިޖާޖުގެ ތެރެއިން މެންބަރު މައުރޫފާއި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މައުރޫފްގެ ބަންދަށް މުއްދަތު ޖެހީ، ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ކުރަނިކޮށެވެ. އެ ސަރަހައްދުގައި، އެމްޑީޕީގެ މެމްބަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއެވެ. އަދި، އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ.
ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.
އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރި އިހުތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލާފައެވެ.