ލަންކާގެ 3 ޕްރޮވިންސަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް 3 ޕްރޮވިންސްކަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި. ފޮޓޯ/އޭއެފްޕީ

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އުތުރާއި މެދު އުތުރު، އިރުމަތީ، މެދުތެރެ އަދި އުވާ ޕްރޮވިންސަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފިއެވެ.

އުތުރާއި މެދު އުތުރު އަދި އިރުމަތީގެ ބައެއްހިސާބުތަކަށް 100 މިލިމީޓަރަށްވުރެ ގިނައި ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި މެދުތެރެއާއި އުވާ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް 75 މިލިމީޓަރަށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މިއަދު މެންދުރުފަހު، ލަންކާގެ އެހެން ސަރަހައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް 50 މިލިމީޓަރަށްވުރެ ގިނައިން ވާރާ ވެހުން އެކަށީގެންވާ ކަމަށް ލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

އުތުރު، މެދު އުތުރު އަދި ހުޅަނގު އުތުރުގެ ޕްރޮވިންސުތަކާއި ޓްރިންކޮމާލީ ސަރަހައްދަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް އެންމެ ކުޑަކުރުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމު ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

ވިއްސާރައިގައި ލަންކާއަށް ލިބިފައިވާ ގެއްލުން. ފޮޓޯ/އޭއެފްޕީ

ސްރީ ލަންކާއަށް އެރި ތޫފާން 'ދީތްވާ' ގެ ސަބަބުން ލަންކާގެ ބޮޑު ބަޔަކަށް ފެން ބޮޑުވެ، ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ވިއްސާރައިގެ ސަބަބުން ލަންކާއިން މަރުވި މީހުންގެ އަދަދު 638 އަށް އުފުލިފައިވާއިރު، 203 މީހުން ގެއްލިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލަންކާ 25 ޑިސްޓްރިކްޓަކަށް އަސަރުކޮށްފައިވާއިރު، 529،741 އާއިލާއަކުން ޖުމްލަ 1،824،771 މީހުންނަށް އަސަރުކޮށްފައިވެއެވެ.

އޭގެ ތެރެއިން 27،145 އާއިލާއަކުން 86،040 މީހުން މިހާރު ތިބީ 878 ރިލީފް ސެންޓަރުގައި ކަމަށް ޑީއެމްސީން ބުނެއެވެ.

ތަންތަން ހަލާކުވެ، އިގްތިސާދީ ގޮތުން ގެއްލުވެފައިވާއިރު، ލިބުނު ގެއްލުމުން އަރައިގަނެ، ލަންކާ އާރާސްތު ކުރުމަށް 7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

comment ކޮމެންޓް