ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

މާލޭގެ ވައި ނުސާފުވެފައި: އަނެއްކާވެސް މާލެ ސަރަހައްދުގައި ވަނީ ވައި ނުސާފު ވެފައި-- ސަން ފައިލް ފޮޓޯ

ނުރައްކާވާ މިންވަރަށް މިއަދު މާލެ ސަރަހައްދުގެ ވައި ނުސާފުވެއްޖެއެވެ.

ވައި ސާފު މިންވަރު ދައްކުވައިދޭ، އައިކިއު އެއާއިން ދައްކާ ގޮތުގައި، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 40.9 މައިކްރޯގްރާމްގައެވެ.

އެއީ ޕީއެމް2.5 ހުންނަން ޖެހޭ ރައްކާތެރި މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ މިންވަރުގެ 8.2 ގުނަ އިތުރު އަދަދެއް ކަމަށް އައިކިއު އެއާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޔޫއެސް އޭކިޔުއައި މިހާރު 104ގައި ހުރިއިރު އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލްއެވެ. އެ މިންވަރަށް ވައި ނުސާފުވުމުން، ނާޒުކު ހާލަތުގައިވާ މީހުންނަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

https://sun.mv/187416

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެ ގޮތަށް ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމެންޓް އެންޑް އެނާޖީގެ އެންވާރަމެންޓް އެނަލީސްޓް މުޙައްމަދު ޒަޔާން އަބްދުﷲ މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ވައި ނުސާފުވާ މައްސަލަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަމަށެވެ.

މިކަން ދިމާވަނީ ކާރުހާނާތަކުން ދޫކުރާ ވިހަ ގޭހުގެ އަސަރުކޮށްގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް