ހަކުރާއި ކޮފީ ހިމެނޭ ގޮތަށް، މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު އުފުލިއްޖެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، އަސާސީ ތަކެތީގެ އަގު މިދިޔަ މަހު ވަނީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު 0.73 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް، އޮކްޓޫބަރު މަހު އަޅައިބަލާއިރު، އަސާސީ މުދަލުގެ އަގު ވަނީ 0.69 ޕަސެންޓް ދަށްވެފައެވެ.
މިދިޔަ އޮކްޓޫބަރު މަހު ވެސް، އަސާސީ ތަކެތީގެ އަގު ވަނީ، މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު އުފުލިފައެވެ. އެގޮތުން އޮކްޓޫބަރު މަހު އަގުތައް ވަނީ 2.6 ޕަސެންޓް އުފުލިފައެވެ.
މިދިޔަ މަހަށް ބަލާއިރު، ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 0.16 ޕަސެންޓް އިތުރުވެފައެވެ. އަދި ތަފާތު ބުއިންތަކުގެ އަގުތަކުން ވަނީ 2.91 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އޭގެ އިތުރުން، ރީތިވާ ސާމާނު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ 'ޕާސަނަލް ކެއާ ޕްރޮޑަކްޓްސް'ގެ އަގު ވެސް ވަނީ 3.33 ޕަސެންޓް އިތުރުވެފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރާ އަޅައިބަލާއިރު މިދިޔަ މަހު އަގު އުފުލުނު ތަކެތީގެ ތެރޭގައި ހަކުރާއި ޖޭމާއި ޗޮކްލެޓާއި މެޓާ ފަދަ ބާވަތްތައް ވެސް ހިމެނެއެވެ. އެއީ 3.84 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މިދިޔަ މަހު އަގު ބޮޑުވެފައިވާ ތަކެތީގެ ތެރޭގައި ވެސް ހަކުރާއި ޖޭމާއި ޗޮކްލެޓްގެ އިތުރުން ސީރިއަލް ހިމެނެއެވެ. އެއީ 0.63 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯ ކާޑު ގުދަނަށް ކާޑުގެ ބާވަތް ގުދަން ކުރަނީ: މިދިޔަ މަހު އަގު ބޮޑުވި ތަކެތީގެ ތެރޭގައި ހަކުރު ވެސް ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ތަފާތު ބުއިންތަކުގެ އަގަށް އޮކްޓޫބަރުން ނޮވެންބަރަށް އައި ބަދަލަށް ބަލާއިރު، ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ، ސައިފަތާއި އެފަދަ އެހެނިހެން އުފެއްދުންތަކުގެ އަގު 1.25 ޕަސެންޓް އުފުލިފައިވާ ކަމަށް ބުނެފައެވެ. އަދި ކޮފީއާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ އެފަދަ އެހެން ތަކެތީގެ އަގު ވަނީ 0.97 ޕަސެންޓް އުފުލިފައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު، އަގުގެ ފަރަގު ވަނީ އެއަށްވުރެ ބޮޑުވެފައެވެ. އެގޮތުން، މިދިޔަ ނޮވެންބަރު މަހަށް ވުރެ، މި އަހަރުގެ އެ މުއްދަތުގައި ކޮފީއާއާއި އެފަދަ ބުއިންތަކުގެ އަގު ވަނީ 8.07 ޕަސެންޓް ބޮޑުވެފައެވެ. އަދި މޭވާއާއި ތަރުކާރީން ތައްޔާރުކުރާ ޖޫހުގެ އަގު ވަނީ 5.10 ޕަސެންޓް އުފުލިފައެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި، ޒަރޫރީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އިންޑެކްސް އެކުލަވައިލަނީ 96 އުފެއްދުމެއް ހިމެނޭ ގޮތަށް، ކޮންމެ މަހަކު 2،000އަށް ވުރެ ގިނަ ޕްރައިޒް ކޯޓޭޝަންތަކަށް ބަލައިގެންނެވެ. އެ އިންޑެކްސް އެކުލަވައިލުމުގައި އެންމެ ބޮޑަށް ބަލަނީ ކާތަކެތީގެ އަގަށް ކަމަށްވާއިރު، ތަފާތު ބުއިންތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސައިބޯނި ފަދަ 'ޕާސަނަލް ކެއާ' ޕްރޮޑަކްޓްތަކުގެ އަގުތަކަށް އަންނަ ބަދަލު ވެސް ހިމަނައިފައިވެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭވަރު ބެލުމަށް 'ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)'ގެ ނަމުގައި ވެސް ތަފާސްހިސާބު އާންމުކުރާއިރު، އޭގެ އިތުރަށް، އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް ޚާއްސަ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް ތައާރަފުކުރަން ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހެވެ.
ސައީދު ވިދާޅުވީ އެ އިންޑެކްސްގެ ތެރެއިން، އާންމުކޮށް ގޭބީސީތަކުން ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދައުލަތުން ތެލަށްފަހު އެންމެ ގިނައިން ޚަރަދުކުރަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރު ދައުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ވެސް، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ތަކެތީގެ އަގު އުފުލުމަށް ދަނީ މަގުފަހިވަމުންނެވެ.