ދިހަ އަހަރު ތެރޭ ނުކުރެވުނު މަސައްކަތް ދޮޅު އަހަރުން ކޮށްފިން: އާޒިމް

މިރޭ ބޭއްވި ހަރުގެ ޖަލްސާގައި އާޒިމް: ވިދާޅުވީ، ދިހަ އަހަރު ތެރޭ ނުކުރެވުނު މަސައްކަތް ދޮޅު އަހަރުން ކޮށްފިން ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޝާން

ދިހަ އަހަރު ތެރޭގައި ނުކުރެވުނު މަސައްކަތް ދޮޅު އަހަރުން ކޮށްފި ކަމަށް ވިދާޅުވެ، ދެން ވެސް މޭޔަރަށް އިންތިޚާބުކޮށްދޭން ވޯޓު ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ އެދިވަޑައިގެންފިއެވެ.

'ދެންވެސް އާދަމް އާޒިމް' ނަމުގައި މިރޭ އޮތް ހަރުގެ ޖަލްސާގައި އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުނަ ނުދޭނެ ކަމަށާއި ސާފުކޮށް އެ ވާހަކަތައް ކިޔައިދޭނެ ކަމަށެވެ.

މާލޭގެ މޭޔަރަކަށް އިންތިޚާބުވީ ފަހުން 190 މިލިއަން ރުފިޔާގެ ބަޖެޓުން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މަޖާޒީ ގޮތެއްގައި އާޒިމް ވިދާޅުވީ، ކުރި މަސައްކަތް ގިނަ ކަމުން ބައެއް މީހުންނަށް ފަސް އަހަރުގެ ދައުރެއް އޭނާ ނިންމައިގެން އުޅޭހެން ހީވާ ކަމަށެވެ.

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް-- ފޮޓޯ: އާޒިމް ފޯ މޭޔާ ޕޭޖް

އެހެންތާ ވާނީ. ދިހަ ވަރަކަށް އަހަރު ވެސް ނުކުރެވުނު މަސައްކަތް އަޅުގަނޑު މި ކޮށްލީ ދޮޅު އަހަރު ތެރޭގައިމާލޭގެ މޭޔަރު އާދަމް އާޒިމް

އެއާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަކަށް މޭޔަރަކަށް ހޮވައިދީފިނަމަ، އެމްޑީޕީއަށް އައު ދިރުމެއް ގެނެސްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މަގާމަށް ހޮވައި ދޭންވީ، އޭނާއަކީ ސައުވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ހިނގަހިނގާ ހުންނަ ވެރިއަކަށް ވީތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރަށް، އާޒިމް އަންނަނީ، މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކަމަށް ފާޑުކިޔާ މީހުންނަށް އިޝާރަތްކުރައްވައި، އާޒިމް ވިދާޅުވީ، ނުކުރާ ކަމެއްގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އެއާއެކު، ޑޯޓުޑޯ ހިންގަވަނީ ފޮނިކަނޑުއްވަން ނޫން ކަމަށާއި ރައްޔިތުންގެ ހާލު ބަލައި، ކަންކަން ރަނގަޅު ކޮށްދޭން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަބަދުވެސް ހުންނަވާނީ ޕާޓީ އިސްކޮށްގެން ކަމަށާއި މާދަމާވެސް އެ ގޮތުގައި ސާބިތުވެ ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދަމް އާޒިމްގެ އިތުރުން އެ ޓިކެޓަށް ވާދަކުރައްވަނީ، އަލީ އާޒިމެވެ. މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓު ހޯދަން ދެ ބޭފުޅުން ވެސް އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

comment ކޮމެންޓް