ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރޮޓައިމްގެ މެނޭޖިން ޑިރެކްޓަރު ޖޯވޭ ޑޮންގެވެ.
މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކުރީ، ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަރާމާތު ކުރަން ޖެހިފައި ހުރި މަގުތަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތަކާ އިންވެގެން ހުންނަ މަގުތައް ހަދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައި އޮތީ، ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަކެވެ. އޭގެތެރޭގައި، ހުޅުމާލެ ފިތުރޯނު މަގު ހިމެނެއެވެ.
ޖުމުލަ 1.1 ކިލޯ މީޓަރުގެ މަގުތައް މަރާމާތުކޮށް ނިންމަން އެޗްޑީސީން ޗައިނާ ކުންފުންޏާ ހަވާލުކުރީ، ހަ މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެޗްޑީސީން ބުނީ، މި މަސައްކަތް ކުރިއަށް ދާނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފަށައިގެން ދެވަނަ ފިޔަވައްސަށް ނިންމާ ގޮތަށް ކަމަށެވެ.