ހުޅުމާލޭގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ޓޯކުރި މިންވަރު އިތުރުވެފައި ވަނިކޮށް، ހުޅުމާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފުލުހުން މުއްދަތެއް ދީފިއެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރުން ވަރަށް އާންމެވެ. އެހެންވެ، މަގު ބޭނުންކުރާ އެކި މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެ މައްސަލައަށް ހައްލު ގެނައުމަށް ފުލުހުން އަންނަނީ، މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި އުޅަނދުތައް ނަގަން ފަސް ވަރަކަށް ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ، އަންނަ ބުރާސްފަތި ދުވަހުގެ 23:30ގެ ކުރިންނެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯނަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޓޯކުރާނެ ކަމަށެވެ. އެ އުޅަނދުތައް ޓޯކޮށްގެން ގެންދަން ނިންމާފައިވަނީ ފުލުހުން ކަނޑައަޅާ ތަނަކަށެވެ.
އެ މަސައްކަތް ކުރާނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނުން އެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ދީފައިވާ މުއްދަތުގެ ފަހުން އުޅަނދުތައް ޓޯކުރާނެ ކަމަށެވެ.
އެގޮތުން، އެ ކަމުގެ ތެރެއިން ޓޯކުރާ އުޅަނދުތައް ބަހައްޓާފައި ހުއްޓައި، ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށް އެ ފުލުހުން ވަނީ ބުނެފައެވެ. އަދި، އުޅަނދުތައް ޓޯކުރުމަށް ފަހުގައި އެހެން ތަނަކަށް ގެންދަން ޖެހޭނީ، އުޅަނދުގެ ވެރިފަރާތުންކަން ފުލުހުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިހާރު ވެސް ފުލުހުން އަންނަނީ ގަވައިދާ ޚިލާފަށް މަގުތަކުގައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ. އެގޮތަށް ޓޯކުރާ އުޅަނދުތަކުގެ ތަފްސީލުތައް އާންމުކުރާއިރު، މިދިޔަ މަހުގެ 21 އިން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުމާލެއިން ޓޯކުރި މިންވަރު ވަނީ އިތުރުވެފައެވެ.
އެގޮތުން، އެ ހަތަރު ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ގަވައިދާ ޚިލާފަށް ހުރި 77 އުޅަނދެއް ޓޯކޮށްފައެވެ.