ފަނޑިޔާރުންގެ ހަތްވަނަ ބެޗު އިންޑިއާއަށް ތަމްރީނަށް ފޮނުވަނީ

އިންޑިއާގެ ޖުޑީޝަލް އެކެޑަމީގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރައްވަން ވަޑައިގަންނަވާ ފަނޑިޔާރުންނާއެކު އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަމާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ފޮޓޮއަކަށް ހުއްޓި --- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އަވައްޓެރި އިންޑިއާގައި ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ދިވެހި ފަނޑިޔާރުންތަކެއް ފުރައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، ރާއްޖޭގެ އެކި ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން، މި މަހުގެ އަށްވަނަ ދުވަހުން 12ވަނަ ދުވަހަށް އޮންނަ އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނަށް މިއަދު ވަނީ ޚާއްސަ ހަފުލާއެއް ބާއްވައިފައެވެ.

މި ހަފުލާގައި އިންޑިއާގެ ސަފީރު ބަލަސުބްރަމާނިއަނާއި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށް މި ޕްރޮގްރާމް ބާއްވާ ހަތްވަނަ ފަހަރެވެ.

އިންޑިއާގެ ގައުމީ ޖުޑީޝަލް އެކެޑަމީ (އެންޖޭއޭއައި)އާއި ޖޭއެސްސީ ގުޅިގެން ދިވެހި ފަނޑިޔާރުންނަށް ތަމްރީނު ދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ ފެބްރުއަރީ 11، 2020ގައެވެ.

އެ ފަހުމުނާމާގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ލިބިގެންދާނެ ކަމަށް ޖޭއެސްސީން މީގެ ކުރިން ބުންޏެވެ.

comment ކޮމެންޓް