ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 4ގައި؛ 226 ދާއިރާއެއް ހިމެނޭނެ

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން: ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރީލް މަހުގެ 4ގައި ކަމަށް އީސީން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އިއުލާންކޮށްފިއެވެ.

އީސީން ނެރުނު އިއުލާނުގައި ވަނީ، އަންނަ އަހަރު ބާއްވާ އިންތިޚާބުގައި 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރާނެ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިޢުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ މީހުން، މި މަހު 21ގެ 15:00ގެ ކުރިން އީ-ފާސް މެދުވެރިކޮށް އީސީގެ ޕޯޓަލްއިން އެޕްލިކޭޝަން ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ ޢިއުލާންކޮށްފައެވެ. އެގޮތުން، މަގާމަށް ޝައުގުވެރިވާ މީހުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.

ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވަނީ ފަށައިފައެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

އިދިކޮޅު އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، ކައުންސިލްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އާބާދީ ކުޑަ ރަށްރަށުގައި ތިބޭ ކައުންސިލަރުން މަދުކުރުމަށް ފާސްކޮށް، ގާނޫނުއަސާސީއާއި ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކޮށްފައެވެ.

comment ކޮމެންޓް