ހުރިހާ ވޯޓު ފޮށިތަކެއް ބަންދުކޮށްފި

އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި، ހުރިހާ ވޯޓު ފޮށިތަކެއް ވަނީ ބަންދުކުރެވިފައެވެ. މިއަދު ހަވީރު 16:00 ގައި ވޯޓުލުން ނިމުނުއިރު، 15:00 އާ ހަމައަށް 63.88 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މިއީ ޖުމްލަ ފަސް ދާއިރާއެއްގައި ކުރިއަށްދިޔަ އިންތިޚާބެކެވެ. މީގެ ރަސްމީ ނަތީޖާ މާދަމާ އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

  • 16:00 ގައި އިންތިޚާބުގެ ވޯޓުލާ ކިޔޫތަކާއި ފޮށިތައް ބަންދުކުރުން
  • 15:00 އާ ހަމައަށް 63.88 އިންސައްތަ މީހުން ވޯޓުލާފައިވުން
  • ޖުމްލަ ފަސް ދާއިރާއެއްގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވުން
  • އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާނުކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލާ ކިޔޫތައް ބަންދުކޮށް، ހުރިހާ ވޯޓު ފޮށިތަކެއް ވެސް ބަންދުކޮށްފިއެވެ.

'ސަން' އަށް މައުލޫމާތުދެމުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ 16:00 ޖެހުމާއެކު ވޯޓުލާ ކިޔޫތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ވޯޓު ފޮށިތަކެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިއަދު 15:00ގެ ނިޔަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 6،093 މީހުންގެ ތެރެއިން 3،892 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ 63.88 އިންސައްތައެވެ.

ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ:

  • ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް