ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް އަނބުރާ ލިބެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ކުޑޫ ފޮނުވި ސިޓީގައި ވަނީ، ފަހަކަށް އައިސް ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވާކަން ފާހަގަކުރައްވާފައެވެ. މި ހާލަތުގައި ސައިކަލުގެ ވެރިފަރާތަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކުޑޫ އެދިވަޑައިގެންފައިވެއެވެ.
އެހެންކަމުން، ސައިކަލު ވަގަށް ނެގިކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ ހިސާބުން އެ ވެހިކަލްގެ އަހަރީ ފީ މައާފުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ދެވަނަ ކަމަކަށް ކުޑޫ އެދިވަޑައިގަތީ، ވަގަށް ނެގި ސައިކަލް ފެނިއްޖެނަމަ އެ ސައިކަލު ގެއްލުނުއިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމަށެވެ.

މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ، ސައިކަލެއް ވަގަށް ނަގައިފި ނަމަ، އަހަރީ ފީ ނުނަގަން އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލީސް
އެކަމަކު އެގޮތަށް އަމަލުކޮށްދޭނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި އިންތިޒާމް ހަމަޖެއްސުމަށް މީރާއާ އެކު ހޯދަން ޖެހޭ މައުލޫމާތު ބަދަލުކޮށް, އަހަރީ ފީ ނެގުމުގައި ލުއި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
މީގެ އިތުރުން އެ ސިޓީގައި ކުޑޫ ވަނީ، ދަރިވަރުންގެ ކިޔެވުމުގެ ސެޝަން ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ޚާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ކުޑޫ، އަމީނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖުކުރާނޭ ގޮތުގެ އުސޫލެއް އެކުލަވައިލަން އެދިވަޑައިގެންފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ކުޑޫ ވިދާޅުވިގޮތުގައި އެފަދަ އުސޫލެއް ކަނޑައަަޅައި ތަންފީޒުކުރަން އެދިވަޑައިގެންނެވީ، ސްކޫލްތައް ނިމޭ ގަޑީގައި ޓްރެފިކް ބާރުބޮޑުވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ކުޑޫ މިފަދައިން ވިދާޅުވެފައިވާއިރު މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީން ސައިކަލުތަކަށް ފީ ނަގަނީ އިންޖީން ކެޕޭސިޓީއަށް ބަލާފައެވެ. އެއީ:
- 50ސީސީ އަށް ވުރެ މަދު: 180 ރުފިޔާ
- 50ސީސީ އިން 100ސީސީ އަށް: 360 ރުފިޔާ
- 100ސީސީ އިން 150ސީސީ އަށް: 648 ރުފިޔާ
- 150ސީސީ އިން 200ސީސީ އަށް: 1،152 ރުފިޔާ
- 200ސީސީ އިން 400ސީސީ އަށް: 3،240 ރުފިޔާ
- 400ސީސީއަށް ވުރެ ގިނަ: 4،320 ރުފިޔާ
ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު މާލޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެންމެ ފަހުން ފުލުހުން އާންމުކުރި މައުލޫމާތުން ދައްކާގޮތުގައި، ސައިކަލު ވަގަށް ނެގުމުގެ 119 މައްސަލައެއް އޮކްޓޫބަރު މަސް ތެރޭގައި އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ވަނީ އެ މަހު މާލެއިން ގެއްލިގެން ރިޕޯޓުކުރި 110 ސައިކަލު ހޯދާފައެވެ. އެއީ އެ މަހު ރިޕޯޓުކުރި ސައިކަލުތަކުގެ ތެރެއިން 92.4 އިންސައްތަ ކަމަށްވާއިރު އެ ސައިކަލުތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.