ރާއްޖޭގައި ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގައި ހަރުކުރަން ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިރޭ ހާމަކުރައްވައިފިއެވެ.
އެ ކަން ހާމަކުރައްވައި މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިލެކްޓްރިވް ވެހިކަލް (އީވީ)ތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑެއް ހަރުކުރުމުން، އެ އުޅަނދުތައް ފަސޭހައިން ވަކިކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބޯޑު ހަރުކުރަން ފެށުމީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވައިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ކަމެކެވެ.
މިއީ، ކޮޕް29ގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއަރުވައި، ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމަށް ކުރިއަށްދާ ކަމެއްގެ ގޮތުގައި އަމީން ވަނީ ސިފަކުރައްވާފައެވެ.
މިނިސްޓަރު ވަނީ އެ އުޅަނދުތަކުގައި ހަރުކުރާ ނަންބަރު ބޯޑުގެ ނަމޫނާއެއް ހިއްސާކުރައްވާފައެވެ. މި ގޮތުން، އިލެކްޓްރިކް ޕްރައިވެޓް އުޅަނދުތަކުގެ ނަންބަރު ބޯޑުގައި އަކުރުތައް ހުންނާނީ، ހުދު ކުލައިގައި ކަމަށްވާއިރު، ޓެކްސީ ކުރާ އެ ފަދަ އުޅަނދުތަކުގެ ބޯޑުގައި އަކުރުތައް ހުންނާނީ ރީނދޫ ކުލައިގައެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ސަރުކާރުން އަންނަނީ ފިތުރު އީދާ ދިމާކޮށް ޓެކްސީ ލައިންގެ ޚިދުމަތް ފަށަން ވެސް މަސައްކަތް ކުރަމުންނެވެ.
އެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެއް ކަމަށްވާއިރު، އެކި ސައިޒުތަކުގެ ކާރު އެ ޚިދުމަތް ދިނުމަށް ބޭނުންކުރާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވިއެވެ،
އޭގެ ތެރޭގައި، މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.