ފްރޭމްކޮށްގެން ޑުރަގު މައްސަލަތަކުގައި މަރުގެ އަދަބު ދީފާނެތީ ކުރީގެ އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ

ރާއްޖޭގައި އެއިރަކު އޮންނަ ބާރަކުން މަސްތުވާތަކެތި އެތެރެކުރުން ފަދަ މައްސަލަތަކުގައި މީހުން ފްރޭމްކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވެއެވެ.

އެ ކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިފަދަ ހައްސާސީ މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން މީހަކަށް ނުހައްގުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ދުރުގައިވާ ކަމަކަށް ނުވެ ހިނގައިދާނެ ކަމަށެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ޤާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.

"މިފަދަ ހައްސާސީ މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން މީހަކު ފުރޭމުކޮށް މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ދުރުގައިވާ ކަމަކަށް ނުވެހިގައިދާނެއެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ޤާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެއެވެ،" އޭނާ ވިދާޅުވިއެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އޮތުމަކީ ޝަރުޢީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ ވަނީ މިހާރު މަރަށް މަރު ހިފަން ހުކުމްކޮށްފައިތިބީ ކިތައް މީހުންތޯއާއި އެ މީހުންނަށް އަދަބު ނުދެވެނީ ކީއްވެތޯ ބަލަން އެދިވަޑައިގެންފައެވެ.

ދުނިޔޭގެ ބޮޑެތި ފިޤްހީ މަޖިލިސްތަކުގައި އަލަށް އުފެދޭ ޝަރުޢީ ބޮޑެތި މައްސަލަތަކުގައި ގޮތް ނިންމަން ފަސް ހަމަސް ނަގާކަން ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމަށް އިޝާރާތްކުރައްވަމުން ޒިޔާދު ވަނީ މިފަދަ ބޮޑެތި މައްސަލަތައް ނިންމުމުގެ އިޚުތިޔާރު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ކަމާ ދޭތެރޭ ސުވާލު އުފައްދަވާފައެވެ.

އޭނާ ވަނީ މި މައްސަލައިގައި ފަތުވާ މަޖިލީހާއި އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރީ ކިހާ ވަރަކަށްތޯ ވެސް ސުވާލު އުފައްދަވާފައެވެ.

https://sun.mv/209943

މީގެ އިތުރުން، އޭނާ ވިދާޅުވީ ރަލަކީ ވެސް މަސްތުވާއެއްޗެއް ކަމަށާއި އެހެންވެ އެ ކުށަށް ވެސް އޮންނަންވާނީ އެއް އަދަބެއް ކަމަށެވެ. އެހެން ނޫން ނަމަ، އެއީ ޝަރުއީ މައްސަލަތަކާ މެދު ވެވޭ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. މި ފަދައިން ވަކި ބާވަތެއް އިސްތިސްނާކުރުން ހުއްދަނުވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ.

"ބަގުރާ އެތެރެކުރާމީހުން މިކަމުގައި އިސްތިސްނާކުރުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަ ކުރުމެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަކުރުމަކީ އެ މީހެއްގެ އިމާންކަމާ މެދު ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމަކެވެ،" ޒިޔާދު ލިޔުއްވާފައިވެއެވެ.

މައްސަލައިގެ ބޮޑުކަމުން މި ފަދަ ނިންމުމެއް ނިންމަންވާނީ ޝަރުއީ އިލްމު ލިބިފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހުށަހެޅި މި ބިލަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލެކެވެ.

https://sun.mv/209322

ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.

މިދިޔަ ޖުލައި 30 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން ވެސް އޮތީ ގޮވާލާފައެވެ.

comment ކޮމެންޓް