އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައަށް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމަށް ބުނެ، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށްޓަވާފައިވާތާ 10 ވަރަކަށް ގަޑިއިރު ފަހުން، އެކަމުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
އާންމު އުނދަގޫތައް ބޮޑުވެ އެމައްސަލައަށް ހައްލެއް ނުލިބޭކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފަށާފައިވަނީ މިއަދެވެ.
މި ކަންބޮޑުވުމާ ގުޅިގެން ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރު ވެފައިވާ ކަމަށެވެ.
އެގޮތުން ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން ހަޅޭއްލެވުމާއި، މަގު ބަންދުކުރާ ބޯޑުތަކާއި ބައިސްކަލު ބޭނުންކޮށްގެން މަގުމަތީގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން ގޭގެއަށް ކުނި އުކުމާއި ބެލްކަނިން މީހުންގެ ގަޔަށް ތެލާއި ފެން ޖެހުން ފަދަ އަމަލުތައް އޭނާ ކުރަމުންދާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެ ނަމާދު ދޭތެރެއިން ފެށިގެން ފަތިސްވަންދެން ބާރަށް ހަޅޭއްލެވުމާއި، ހުއްދަނެތި އިމާރާތްތަކުގެ އެތެރެއަށް ވަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަތައް ފުލުހުންނަށް ރިޕޯޓުކޮށް، ހެކި ހުށަހެޅި ނަމަވެސް އެއްވެސް ބަދަލެއް ނައިސް، މުއައްސަސާތަކުން ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން އާއިލާގެ ރައްކާތެރިކަމަށް ޓަކައި ހެނދުނު 8:00 އިން ފެށިގެން ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެއްޓެވި ކަމަށާއި، ކަމާބެހޭ އިދާރާތަކުން ދާއިމީ ހައްލެއް ހޯދައިދެންދެން ހަޅުތާލު ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މީހާއަކީ ސައީދުއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް އެނގިފައިވާކަމަށާއި އަދި އޭނާގެ މައްސަލައެއް ހުށަހަޅާ ކޮންމެ ފަހަރަކު ވެސް ގާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓިކަމަށާއި ނަމަވެސް ދޫކޮށްލުމުން އަނެއްކާވެސް އުނދަގޫ ކުރަން ފެށީ ކަމަށެވެ. އެހެންނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ އެ މީހާގެ ފަރާތުން އާންމު އުނދަގޫ ފޯރާ ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށާއި، ދެން ބަލަން ޖެހޭނީ އޭނާގެ މަސްތުވާތަކެތީގެ ރެކޯޑެއް އޮތްތޯ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ސައީދު "ސަން" އަށް މިއަދު އިރުއޮއްސުނު ފަހުން ވިދާޅުވީ އެ އުނދަގޫ ކުރާ މީހާ 6:30 ކަންހާއިރު ފުލުހުންގެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަލުތާލަށް ހުއްޓުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މީގެ ކުރިން ވެސް އެތައް ފަހަރަކު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ހައްޔަރުކުރުމަށް ފަހު ދޫކޮށްލާކަމަށެވެ.
"އަޅުގަނޑުގެ ހަލުތާލަށް ބަދަލެއް ނާންނާނެ. ނުހުއްޓާނަން. އެ އުނދަގޫ ކުރާ މީހާ މިރޭ 6:30 ކަންހާއިރު ހައްޔަރުކޮށްފި. އެހެން ނަމަވެސް އެގޮތަށް އެތައްފަހަރަކު ހައްޔަރުކޮށްފި، ހަމަ ދޫކޮށްލަނީ. މިފަހަރު މިހުރީ ހުއްޓާލާ ގޮތަކަށް ނޫން،" ސައީދު ބުންޏެވެ.
މިވަގުތު ބަނޑުހައިހޫނުކަމުގެ ހަލުތާލެެއް ކުރަމުން ގެންދާ ސައީދު ވަނީ އޭނާ އެދިވަޑައިގަންނަވަނީ އޭނާގެ އާއިލާއަށާއި އެ މަގުތަކުން ދަތުރުކުރާ މީހުންނަށް ރައްކާތެރިކަން ލިބުން ކަމަށެވެ. އަދި އާއިލާތަކަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުއައްސަސާތަކުގެ ވާޖިބެެއް ކަމަށާއި އޭނާ އެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވަނީ އެ ވާޖިބު އަދާކޮށްދިނުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.