ނިއު ޒީލެންޑަށް ނިސްބަތްވާ މީހަކު، 19،000 ޑޮލަރުގެ އަގުހުރި އަލިމަސް ޖަހާފައިހުރި ލޮކެޓެއް ދިރުވާލައިގެން އެ ވަގަށް ނަގައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު އޯކްލެންޑްގެ މެދުތެރޭގައި ހުންނަ ޕާޓްރިޖް ޖުވެލާސްއިން ލިބުނު ފޯނު ކޯލަކަށް ފުލުހުން ވަނީ އެ ފިހާރައަށް ގޮސްފައެވެ. އަދި ފިހާރައިން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ އަދިވެސް ހުރީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.
ލޯކަލް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ 19،300 ޑޮލަރުގެ އަގުހުރި އެ ލޮކެޓް އަދިވެސް ފުލުހުންނަށް ލިބޭ ގޮތެއް ނުވެއެވެ.
ވަގަށް ނަގާފައިވާ ލޮކެޓްގައި 60 ހުދު ޑައިމަންޑާއި 15 ބްލޫ ސެފާޔާ ހަރުކޮށްފައިވާ ކަމަށް އެ ފިހާރައިގެ ވެބްސައިޓާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ.
ކުކުޅު ބިހެއްގެ ބައްޓަމަށް އިންނަ އެ ލޮކެޓަށް 'އޮކްޓޮޕަސް އެގް' ގެ ނަން ދީފައިވާއިރު، އެއީ ހަމަ އެ ނަމުގައި 1983 ވަނަ އަހަރު ރިލީޒްކުރި ޖޭމްސް ބޮންޑްގެ ފިލްމަކަށް ނިސްބަތްކޮށް ދިން ނަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވައްކަން ކުރި މީހާ ވަނީ މި މަހުގެ 12 ވަނަ ދުވަހު ހަމަ އެ ފިހާރައިން އައިޕެޑެއްވެސް ވަގަށް ނާގަފައެވެ.