ނިއުޒީލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބިލެއް ހުށަހަޅަނީ

ސޯޝަލް މީޑިއާ އެއްކޮށް މަނާކޮށްލުމަކީ ހައްލެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދެކޭ ---

އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށްޓަކައި ޤާނޫނެއް އެކުލަވާލުމުގެ ގޮތުން ނިއުޒީލޭންޑުގެ ޕާލިމަންޓަށް "އޮންލައިން ސޭފްޓީ ބިލް" ނަމުގައި ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

މި ބިލުގެ ދަށުން ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކަކީ 16 އަހަރުން މަތީގެ ކުދިން ނުވަތަ މީހުންކަން ޔަގީންކުރުމަށް އެ ކުންފުނިތަކުން ފިޔަވަޅުތަކެއް އަޅަން ލާޒިމުކުރެއެވެ. މީގެ ތެރޭގައި އެކައުންޓްގެ މައުލޫމާތާއި، މޫނު ދެނެގަނެ އުމުރު އަންދާޒާކުރުމުގެ ޓެކްނޮލޮޖީ އަދި ޑިޖިޓަލް އައިޑެންޓިޓީ ޗެކްތައް ބޭނުންކުރުން ހިމެނެއެވެ.

މީގެ އިތުރުން ކުދިން ގިނައިން ބޭނުންކުރާ ޕްލެޓްފޯމްތަކުގައި ހުރި ނުރައްކާތައް ދެނެގަނެ، އެ ކަންކަން ހައްލުކުރާނެ ގޮތުގެ ރިޕޯޓް ގަވާއިދުން ހުށަހަޅަން ޖެހޭނެއެވެ.

https://sun.mv/225398

މި ޤާނޫނާ ޚިލާފުވާ ސޯޝަލް މީޑިއާ ކުންފުނިތަކަށް، އެ ކުންފުންޏަކަށް މުޅި ދުނިޔެއިން އަހަރަކު ލިބޭ ޖުމްލަ އާމްދަނީގެ 10 އިންސައްތައާ ހަމައަށް ބޮޑެތި ޖޫރިމަނާތަކެއް ކުރިމަތިވެދާނެއެވެ. ނަމަވެސް، މި ޤަވާއިދާ ޚިލާފުވާ ކުދިންނަށް، އެ ކުދިންގެ މައިންބަފައިންނަށް ނުވަތަ ބަލަދުވެރިންނަށް އެއްވެސް އަދަބެއް ކަނޑައަޅާފައެއް ނުވެއެވެ.

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން ވިދާޅުވީ، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންހުރި ކޮންޓެންޓްތަކާއި، ދެވިހިފާ ޓެކްނޮލޮޖީ އަދި އެ ކުދިންނަށް ތަހައްމަލު ނުކުރެވޭ ފަދަ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ކުދިންގެ އާއިލީ ދިރިއުޅުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، ނިދުމަށާއި ތައުލީމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި ހަގީގީ ދުނިޔޭގައި ކުދިން ރައްކާތެރިކުރުމަށް ފިޔަވަޅު އަޅާ ފަދައިން އޮންލައިން ދުނިޔޭގައި ވެސް ރައްކާތެރިކަން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެކްޓް (އޭސީޓީ) ޕާޓީ އާއި ނިއުޒީލޭންޑް ފަސްޓް (އެންޒެޑްއެފް) ޕާޓީން ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެފައެވެ. އެކްޓް ޕާޓީގެ ލީޑަރު އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ސީމޯ ވިދާޅުވީ މިފަދަ މަނާކުރުމަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ. އަދި އެންޒެޑްއެފްގެ ލީޑަރު އަދި ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓާސް ވިދާޅުވީ މިއީ ޤައުމު ގޯސް މިސްރާބަކަށް ގެންދާނެ ކަމެއް ކަމަށާއި، އޮސްޓްރޭލިއާއިން މިފަދަ ފިޔަވަޅެއް އަޅައިގެން ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

ދާދިފަހުން ފްރާންސްގެ އެންމެ މަތީ ކޯޓުން ވެސް ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ހުށަހެޅި މިފަދަ ބިލެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ބާތިލުކޮށްފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރު، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މުޅިން މަނާކުރި ފުރަތަމަ ޤައުމަކީ އޮސްޓްރޭލިއާއެވެ. ޗައިނާގައި ސްކްރީން ވަގުތު ކޮންޓްރޯލްކޮށް ގޭމް ކުޅުން ހަފުތާއަކު އެއް ގަޑިއިރަށް ހަނިކޮށްފައިވާއިރު، ވިއެޓްނާމުގައި ކުދިންގެ އެކައުންޓްތައް ހަދަން ޖެހެނީ ސަރުކާރުގެ އައިޑީއާއި މައިންބަފައިންގެ ބެލުމުގެ ދަށުންނެވެ. ބްރެޒިލް އަދި ޔޫއޭއީގައި ވަނީ ޑިޖިޓަލް ރައްކާތެރިކަމުގެ ޚާއްސަ ޤާނޫނުތަކެއް ތަންފީޒުކުރަން ފަށާފައެވެ.

މީގެ އިތުރުން އިންޑޮނޭޝިއާގައި 16 އަހަރުން ދަށުގެ ކުދިން ބޮޑެތި ޕްލެޓްފޯމްތަކުން ޑީއެކްޓިވޭޓް ކުރަމުންދާއިރު، މެލޭޝިއާގައި އަށް މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބޭ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ވަނީ މަނާކޮށްފައެވެ.

ސްޕެއިން، ޑެންމާކް، ޕޯޗުގަލް، ކެނެޑާ، އިނގިރޭސިވިލާތް އަދި ގްރީސް ފަދަ ޤައުމުތަކުން ވެސް ދަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް