ކުޑަކުދިންތަކަކާ ބެހުމުގެ ތުހުމަތުގައި ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްފި

ސަނީ އުމަރު: އޭނާ ވަނީ 30 ދުވަހަށް ބަންދުކޮށްފައި -- ފޮޓޯ/ އަހްމަދު އަޝްރަފް

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ގ. މާވަނި، ޙުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އޭނާއަކީ މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާއަށް ކުރެވެނީ އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ.

ހޯމަ ދުވަހު ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ. އެ ދުވަހު އޭނާ ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ.

ފުލުހުން ބުނީ، އޭގެ ފަހުން އިއްޔެ ސަނީ ދޫކޮށްލުމަށް ފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

https://sun.mv/214773

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ވާގޮތުން ސަނީ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި، ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

comment ކޮމެންޓް