އައިޝާ ޑޮކިއުމެންޓްރީ މައްސަލަ: ފުލުހުންގެ ތަހުގީގުގައި ޙަސަން ހުރީ ހަނު

އަދަދުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު: ފުލުހުންގެ ތަހުގީގުގައި ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި --- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް އެ ނޫހުގެ މެނޭޖިންގ އެޑިޓަރު ޙަސަން މުޙައްމަދު ހާޒިރުކުރުމުން އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށް ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ޤަޛްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި، އަދި ބައިވެރިވުމުގެ ކުށެވެ. މީގެ އިތުރުން އެ ނޫހުގެ ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ ވެސް ވަނީ ފުލުހަށް ހާޒިރުވާން އަންގާފައެވެ. މި މައްސަލައިގައި ކުރީގެ ސިޔާސީ މަގާމެއް ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ފުލުހުން ނޫހުގެ އޮފީހަށް ވަނުމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއިންނާއި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންނެވެ.

  • އަދަދު ނޫހުގެ މެނޭޖިންގ އެޑިޓަރު ޙަސަން މުޙައްމަދު ފުލުހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްގު ބޭނުންކުރުން
  • ޙަސަންގެ މައްޗަށް ޤަޛްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި، ބައިވެރިވުމުގެ ކުށުގެ ތުހުމަތުކުރުން
  • ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ ފުލުހަށް ހާޒިރުވާން އެންގުމާއި ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފެހެއްޓުން
  • ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރުން

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ) ހަނު ހުރުމުގެ ހައްގުގެ ބޭނުންކޮށްފިއެވެ.

ޙަސަން ފުލުހަށް ހާޒިރުކުރީ އޭނާގެ ވަކީލު ސައްޔާޙް ޚަލީލާއެކު، މިއަދު ހެނދުނު 8:30 އަށެވެ.

https://sun.mv/221268

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސައްޔާޙް ވިދާޅުވީ، ޙަސަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށެވެ.

ޙަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
  • ޤަޛްފުގެ ކުށް
  • ކުށެއް ކުރުމަށް އެދުމާއި ކުށެއް ކުރުމަށް ރޭވުން

ހަމަ މި ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ މިއަދު މެންދުރުފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޙަސަނާއި ފިޔާޒްގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ތިން މަސް ވަންދެން ވަނީ ހިފަހައްޓައިފައެވެ.

https://sun.mv/221247

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް