އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމުން އެއީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ 38 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ، 15 ދުވަސް ޖަހާފައެވެ.
އޭނާގެ މައްޗަށް ކޮށްފައި ވަނީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ފުލުހުން ބަޔާން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އަމުރުގައި ވަނީ، މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިރިއުޅޭ ކޮޓަރިން ދިހަ ގުރާމުގެ މަސްތުވާތަކެއްޗާއި އެތަކެތި ކިރަން ގެންގުޅޭ ބާވަތުގެ ކައްޓާއެއް ފެނުނު ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް: ދިރިއުޅޭ ކޮޓަރިން 10 ގުރާމުގެ މަސްތުވާތަކެތި ފެނުމުން ބުނީ، ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި މައްސަލައިގައި ސުވާލުކުރުމުން އެއީ، އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ. އަދި، އެ ތަނަކީ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ވިޔަސް، މި މައްސަލައިގެ ތުހުމަތުކޮށްފައިވާ ހައްޔަރުކޮށްފައިވާ އޭނާގެ ދެ ބޮޑުބޭބެއާއި އާއިލާގެ އިތުރު މީހުން ވެސް ވަންނަ ކަމަށް ވަނީ ބުނެފައެވެ.
އައިއޯ ފާހަގަކުރި ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓުމަންޓު ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ކަމަށާއި މަސްތުވާތަކެތި ފެނުނީ އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ ވަތްގަނޑަކުން ކަމަށެވެ.
އޭގެއިތުރަށް، އޭނާގެ ބަލި ހާލަތާ ގުޅިގެން ފާހަގަކުރި ކަންކަމާ ގުޅޭ ލިޔުންތައް އައިއޯއާ ހިއްސާކުރުމުން އެ ލިޔުންތަކަށް ބަލައި، ފޯރުކޮށްދޭން ޖެހޭ މެޑިކަލް ކަންކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ އައިއޯއަށް އަންގާފައެވެ.
އޭނާއަކީ، އިތުރު ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ކޯޓު އަމުރުގައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ މިންވަރު ވަރަށް އާންމެވެ. އެ މައްސަލައަށް ހައްލެއް ގެންނަން އެކި ސަރުކާރުތަކުގައި މަސައްކަތް ކުރިޔަސް މިހާތަނަށް އެދެވޭ ހައްލެއް ނުލިބެއެވެ.