ބޮމުގެ އިންޒާރަކާ ގުޅިގެން އިންޑިގޯ ފްލައިޓެއް މުމްބާއީއަށް ޖައްސައިފި

އިންޑިގޯ ފްލައިޓެއް. ބޮމުގެ އިންޒާރަކާ ގުޅިގެން އިންޑިގޯ ފްލައިޓެއް ވަނީ މުމްބާއީގައި ޖައްސާފައި. ފޮޓޯ/ޕީޓީއައި

ކުވޭތުން ހައިދަރުއާބާދަށް ދަތުރުކުރި އިންޑިގޯގެ ފްލައިޓަކަށް ބޮމުގެ އިންޒާރު ދިނުމާ ގުޅިގެން އިމާޖެންސީގައި މުމްބާއީއަށް ޖައްސައިފިއެވެ.

އެއާބަސް އޭ321-251 އެންއެކްސް މަރުކާގެ އެ މަތިންދާބޯޓު ރޭ ދަންވަރު 1:56 ހާއިރު ކުވޭތުން ފުރިއިރު، މަހާރާޝްތުރާގެ މުމްބާއީއަށް ޖައްސާފައި ވަނީ ހެނދުނު 8:10 ގައެވެ.

ފްލައިޓް ޖެއްސީ މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ހައިދަރުއާބާދު އެއާޕޯޓަށް އީމެއިލް މެދުވެރިކޮށް ފޮނުވި އެ އިންޒާރާ ގުޅިގެން މުމްބާއީ އެއާޕޯޓަށް ޖައްސާފައިވާއިރު، އެ ބޯޓު ވަނީ އައިސޮލޭޝަން ބޭއަކަށް ގެންގޮސް ޗެކްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ވަގުތުން އަޅާފައިވެއެވެ.

އިމާޖެންސީ ރެސްޕޮންސް ޓީމުތަކާ އެކު ސެކިއުރިޓީ މުވައްޒަފުން ވެސް ތިބީ ސްޓޭންޑްބައިގައި ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

އެކަމާ ގުޅޭގޮތުން އިންޑިގޯ އެއާލައިންސްއިން ރަސްމީކޮށް އަދި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

މީގެ އެއް ދުވަސް ކުރިން ހޯމަ ދުވަހު މަހާރާޝްތުރާގެ ތާނޭ ޑިސްޓްރިކްޓްގެ މީރާ ރޯޑް ސަރަހައްދުގައި ހުރި ޕްރައިވެޓް ސްކޫލަކަށް ވެސް ބޮމުގެ އިންޒާރު ދިނުމާ ގުޅިގެން ފުލުހުން ވަނީ އެތަން ބަލައި ފާސްކޮށްފައެވެ.

މި ފަހުން އިންޑިއާގައި ވަނީ ބޮން ގޮއްވުމުގެ ހާދިސާއެއް ހިނގައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް