ދެކުނު އޭޝިއާގެ ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން 'ދީތްވާ' އިންޑިއާގެ ޓަމިލް ނާޑޫއަށް އަރާފައިވާއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޗެންނާއީގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ އެ ސްޓޭޓަށް ރީނދޫ އަދި އޮރެންޖު އެލާޓްތަކެއް ނެރެ، މިއަދު ޓަމިލް ނާޑޫއަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ދީފައެވެ.
އިއްޔެ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ތޫފާން 'ދީތްވާ' އިއްޔެ ހަވީރު 5:30 ގައި ގަޑިއަކު ތިން ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު ދެކުނަށް ދަތުރުކުރަމުން ގޮސްފައިވާ ކަމަށް ވެސް އައިއެމްޑީއިން ބުނެއެވެ.
ތޫފާނުގެ ސަބަބުން މަދޫރާއީއަށް އިއްޔެ ވަނީ ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އައިއެމްޑީން ލަފާކުރި ގޮތުގައި ޗެންނާއީ، ކުޑަލޯރު، ކަންޗީޕޫރަމް އަދި ތަންޖަވޫރު ފަދަ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ކޮއިމްބަތޫރު، މަދޫރާއީ، ތާނީ، ތިރުޕޫރު އަދި ނިލްގިރީސް އަށް މިއަދު އާދައިގެ ވަރަކަށް ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗެންނާއީ، ޓިރޫވައްލޫރު އަދި ކާންޗިޕޫރަމަށް މިއަދު ފަތިހުން ފެށިގެން ވާރޭ ވެހެމުންދާތީ އެ ސަރަހައްދުތަކުގެ ސްކޫލްތައް މިއަދު ވަނީ ބަންދުކޮށްފައެވެ.
ރެވިނިއު މިނިސްޓަރާ ހަވާލާދީ ޕީޓީއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއްސާރައާ ގުޅުން ހުރި ހާދިސާތަކުގައި ހަތަރު މީހުން މަރުވެފައިވެއެވެ.
ތޫފާން 'ދީތްވާ" އާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ޓަމިލް ނާޑޫ ސްޓޭޓުން ތިން މީހުން މަރުވިއެވެ. އެ ތޫފާނާ ގުޅިގެން އުފެދިފައިވާ ކޮޅިގަނޑުގެ ނުރައްކާ އޮތުމާ އެކު، މަގުތަކަށް ނިކުމެ ނޫޅުމަށް އެ ސްޓޭޓްގެ އިދާރާތަކުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.
އިންޑިއާއަށް އެރުމުގެ ކުރިން ތޫފާން 'ދީތްވާ' ވަނީ ސްރީ ލަންކާގެ ސަރަހައްދުތަކަށް އަރައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 450 އަށް އުފުލިފައިވާ ކަމުގައެވެ. އަދި 407,594 އާއިލާގެ 1.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އަސަރު ކޮށް، ހާލުގައި ޖެހިފައިވެއެވެ.