ބަރުދަން ލުއިކުރަން އެހީވާ ބެރިއަޓްރިކް ސާޖަރީ އައިޖީއެމްއެޗްގައި ހަދަން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލާއި، ހައިޖީއެމްއެޗްގައި ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ގާއިމު ކުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފިއެވެ.

ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމުކުރުމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، މި ޚިދުމަތް ގާއިމުވުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އޭގެ ތެރޭގައި، ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށެވެ.


މިއީ ގައިންގަޔަށް ނާރާ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުންމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބޭނެ ވަރަށް އުންމީދީ ހައްލެއްކަން ޔަޤީން، އައިޖީއެމްއެޗްގެ ސީއީއޯ

ހަލީމް ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ޚިދުމަތެއް ފެށުމަށް ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާއިރު މި މަސައްކަތް މިއަދު މި ކާމިޔާބުވީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައި ކަމަށެވެ. އޭގެ ތެރޭގައި މި ހޮސްޕިޓަލުގެ އޮޕްރޭޝަން ޑޮކްޓަރުންނާއި، އެ ފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންގެ ނަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި، ޚާއްސަކޮށް ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް އޭނާ މަރުޙަބާ ދެންނެވިއެވެ.

comment ކޮމެންޓް