ދީޕިކާގެ ކޮއްކޮ އަނީޝާގެ ކައިވެނި ސަނީއާ އެކު އާއިލީ ގުޅުން އޮތް މީހަކާ

ބަތަލާ ދީޕިކާ ޕަދުކޯން ކޮއްކޮ އަނީޝާއާ އެކު--ފޮޓޯ/މިޑްޑޭ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ކޮއްކޮ އަނީޝާ ޕަދުކޯންގެ ކައިވެނި އެކްޓަރު ސަނީ ޑިއޯލްއާ އާއިލީ ގުޅުން އޮތް މީހަކާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަނީޝާގެ ކައިވެނި ކުރަން ނިންމާފައި ވަނީ ކުރީގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަގެ ކާފަ ދަރިފުޅު ކަރަން ޑިއޯލްގެ އަންހެނުންނާ އެއްބަނޑު އެއްބަފާ މީހަކާއެވެ.

ކަރަން އަކީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅެވެ. ކަރަންގެ އަންހެނުންނަކީ އިންޑިއާގެ ކުރީގެ އައިކޮނިކް ފިލްމު ޕްރޮޑިއުސަރު ބިމަލް ރޮއިގެ މުނިކާފަ ކުއްޖެކެވެ. އަނީޝާ ކައިވެނިކުރަން ނިންމާފައިވާ ރޯހަން އަޗަރްޔާ އަކީ ކަރަންގެ އަންހެނުން ދްރިޝާ އަޗަރްޔާގެ ކޮއްކޮއެވެ.

ދީޕިކާގެ ކޮއްކޮ އަނީޝާ ކައިވެނި ކުރަން އުޅޭ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ ރޯހަން--ފޮޓޯ/އިންސްޓަގްރާމް

ރޯހަން އަކީ ދުބާއީގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ. ފިލްމު އިންޑަސްޓްރީ އަދި މުނިފޫހިފިލުވުމުގެ ދާއިރާއާ ވަރަށް ދުރުގައި އުޅޭ އަނީޝާ އަކީ އަބަދުވެސް ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ.

އުމުރުން 34 އަހަރުގެ އަނީޝާ އަކީ ޕްރޮފެޝަނަލް ގޮލްފް ކުޅުންތެރިއެކެވެ. މީގެއިތުރުން ބަތަލާ ދީޕިކާ ޕަދުކޯންގެ އަމިއްލަ އެންޖީއޯ "ލިވް ލަވް ލާފް" ފައުންޑޭޝަން ހިންގުމުގެ ހުރިހާ މަސައްކަތެއްގައި ވެސް އިސްކޮށް ހަރަކާތްތެރިވާ މީހަކީ އަނީޝާއެވެ.

ފިލްމީ ހަފްލާތަކުން ވެސް ވަރަށް މަދުން ފެންނަ އަނީޝާ އާއި ރޯހަން އަޗަރްޔާގެ ކައިވެނީގެ ވާހަކަތައް އިންޑިއާގެ މީޑިއާތަކުން ދައްކަމުން އައި ނަމަވެސް ދެ އާއިލާއިން ވެސް އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް