"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ކުޑަ ވަގުތުކޮޅެއް ތެރޭ ފުލުހުންގެ ފަރާތުން ދިން އެހީތެރިކަމުން ހާމަވަނީ ފުލުހުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫހު ކަމަށް، ފުލުހުންގެ ކޮމިޝަނަރު އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު ނުވައެއް ޖެހިއިރު ފެށި ޓެލެތޯން ނިންމާލީ މިއަދު އިރުއޮއްސުނު ވަގުތަށެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޓެލެތޯނުގައި ފުލުހުން ވަނީ މިއަދު މެންދުރު 2.45 މިލިއަން ރުފިޔާގެ ފައިސާގެ އެހީތެރިކަން ދީފައެވެ.
މިއީ ޓެލެތޯނަށް ފައިސާގެ ގޮތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް އެހީއެވެ.
މި ފައިސާ ފުލުހުންގެ ފަރާތުން ހަވާލުކުރެއްވުމަށްފަހު ނަވީން ވަނީ، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެހާ ކުޑަ ވަގުތުކޮޅެއް ތެރޭ އެކި ރޭންކުތަކުގެ ފުލުހުން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މިކަމުން ފެނިގެންދިޔައީ ފުލުހުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫހު. ފުލުހުންގެ ހުރިހާ ރޭންކުތަކަކުންނާއި ހުރިހާ ބަހާތަކުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ މި އެއްބާރުލުމާއި އެހީތެރިކަމުގެ ނަމޫނާ ފާހަގަކޮށް ޝުކުރު އަދާކުރަން. ޚާއްސަކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެއްކެވި މި ދީލަތިކަމުގެ ނަމޫނާއަށް ތައުރީފު ކުރަން، ފުލުހުންގެ ކޮމިޝަނަރު އިސްމާޢީލް ނަވީން
ނަވީން އިތުރަށް ވިދާޅުވީ، ސްރީލަންކާއާއެކު ދިވެހީން ތިބިކަން ހާމަވާ އެންމެ ބޮޑު އެއް ކަމަކީ ދިވެހީން ފޯރުކޮށްދޭ އެހީތެރިކަން ކަމަށެވެ. އޭނާ ވިދާޅުވީ، މި ކާރިސާއިން ސްރީލަންކާގެ ރައްޔިތުން ވީ އެންމެ އަވަހަށް އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއަދު އިރުއޮއްސުނު ވަގުތާ ހަމައަށް ޓެލެތޯން ނިންމާލިއިރު، 11.02 މިލިއަން ރުފިޔާއާއި 43،681 އެމެރިކާ ޑޮލަރު ވަނީ އެހީގެ ގޮތުގައި ލިބިފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މައުލޫމާތު ދިން ގޮތުގައި، މިވަގުތު އެ ފަންޑު ފޮށިތަކަށް ހަދިޔާކުރި ފައިސާ ގުނުމުގެ މަސައްކަތް ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި މަސައްކަތްކުރާ 'ކްރޯ މޯލްޑިވްސް'އިން ދަނީ ކުރަމުންނެވެ. އަދި މިރޭގެ ވަގުތެއްގައި ކްރޯ މޯލްޑިވްސްއިން ފައިސާގެ ތަފްސީލު ހާމަކުރާނެ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.
މި ޓެލެތޯނަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާއިރު އެކި އިދާރާތަކާއި ޖަމިއްޔާތަކުން ހަދިޔާކުރި ފައިސާތައް ހިމެނެއެވެ. އެގޮތުން، ބައެއް ކުންފުނިތަކުން ބޮޑެތި އަދަދުތައް ހަދިޔާކޮށްފައިވެއެވެ.
ފުލުހުންގެ އިތުރުން ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. އަދި ސަރުކާރު މައި ޕާޓީ ޕީއެންސީ ޕީޖީން 300،000 ރުފިޔާ އަދި ގައުމީ ބޭންކު ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.
ތޫފާންގެ ސަބަބުން ލަންކާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 334 އަށް އުފުލިފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދު ބަދުއްލާއިންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފައެވެ.
މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހެވެ. އެ ފަހަރު 254 މީހުން މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.