ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ކ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރަމުން އަންނަ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް މިއަދު ފެށިއިރު، އެ މަސައްކަތުގެ ސްޕީޑު ތިން ގުނަ ހަލުވިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގައި އޮތް އެންމެ ބޮޑު 'ޓްރެއިލާ ސަކްޝަން ހޮޕާ' ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް ހަލުވި ކޮށްފައިވާ ކަމަށެވެ.
'ކްރިސްޓަބެލް ކޮލޯން' ކިޔާ އެ ޑްރެޖަރު އިއްޔެ ރަސްމާލެ ސަރަހައްދުގައި މޮބިލައިޒް ކޮށްފައިވާ ކަމަށާއި، ރޭ ފަތިހު ވެލި ނަގަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދުގެ މެންދުރު ކުރީކޮޅު ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރަސްމާލޭގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިން ވިދާޅުވި މުއްދަތަށް އެ މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައި ކަމަށްވާއިރު އެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ބުނެއެވެ.
އެ ސަރަހައްދުގެ ހައުސިން މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރު ވެސް ވަނީ ހަވާލުކޮށްފައެވެ.
ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ވަނީ ބައްލަވައިލައްވާފައެވެ. އެގޮތުން ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި، ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު ހިއްކާފައިވާ ކަމަށް އެ ދުވަހު ރައީސް އޮފީހުން ބުންޏެވެ.