ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދުނު ތޫފާން 'ދީތްވާ' ގެ ބާރު ދަށްވެ އިންޑިއާގެ ޗެންނާއީގެ އައްސޭރި ފަށާ ކައިރި ވެފައިވާ ކަމަށް ޗެންނާއީގެ ރީޖަނަލް މީޓިރިއޮލޮޖިކަލް ސެންޓަރު (އާރްއެމްސީ)އިން ބުނެފިއެވެ.
އެހެންވެ އިއްޔެ ރެއިން ފެށިގެން ޗެންނާއީގެ އެކި ސިޓީތަކަށާއި ކައިރި ހިސާބުތަކަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
މިއަދު މެންދުރު ފަހު އާރްއެމްސީ ނެރުނު މޫސުމާ ބެހޭ އިރުޝާދުގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ޓިރޫވައްލޫރާއި ޗެންނާއީ ޑިސްޓްރިކްޓްގެ ބައެއް ތަންތަނަށް ބޯކޮށް ނުވަތަ މެދުމިން ވަރަކަށް ވާރޭ ވެހޭނެ ކަމަށާއި ރަނިޕެޓް، ކާންޗީޕޫރަމް އަދި ޗެންގަލްޕައްޓޫ ޑިސްޓްރިކްޓްގެ މަތީގައި އެކަހެރި ތަންތަނަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އަދި ތޫފާންގެ ބާރު ދަށްވެ، ލޯ ޑިޕްރެޝަންއަކަށް ބަދަލުވެ ގަޑިއަކު 3 ކިލޯމީޓަރުގެ ބާރުމިނުގައި މަޑުމަޑުން އުތުރަށް ދަތުރުކުރަމުންދާ ކަމަށެވެ.
އާރުއެމްސީން އިތުރަށް ބުނީ ތަމިލް ނާޑޫގެ އުތުރު އަދި އަންދްރާ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ޕެރެލަލްކޮށް މަޑުމަޑުން ދަތުރުކޮށް ހޯމަ ދުވަހުގެ ހަވީރާ ހަމައަށް ޑީޕް ޑިޕްރެޝަންގެ ބާރުމިނުގައި ހުރުމަށްފަހު، ކުރިއަށްއޮތް 12 ގަޑިއިރު ތެރޭގައި ތޫފާންގެ ބާރު އިތުރަށް ދަށްވުން އެކަށީގެންވާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހޭތީ، ބައެއް ފްލައިޓްތައް ކެންސަލް ކޮށްފައިވާކަން ތަމިލް ނާޑޫ އެއާޕޯޓުން ވަނީ އިއުލާނުކޮށްފައެވެ.

ކޮލަމްބޯގެ ބޭރުގައި އޮންނަ ކަޑޫވެލާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައި -- ފޮޓޯ/ އޭއެފްޕީ
'ދީތްވާ' ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަމުން ދަނީ ސްރީ ލަންކާއަށެވެ. ތޫފާންގެ އަސަރު އެ ގައުމަށްކޮށް މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 335 އަށް އުފުލިފައެވެ.
އެ ގައުމުގެ އުތުރު، ހުޅަނގު، ސަބަރަގަމުވާ އަދި ދެކުނު ޕްރޮވިންސްތަކާއި ކެންޑީ އަދި ނޫވާރާ އެލިޔާ ޑިސްޓްރިކްޓްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، އުވާ ޕްރޮވިންސާއި އިރުމަތީ ޕްރޮވިންސްގެ ބަޓިކަލޯއާ އަދި އަމްޕާރާއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ލަންކާގެ 230،000 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުން ލިބިފައިވާއިރު، ގެއްލުން ލިބޭ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް 910 ރިލީފް ސެންޓަރު ގާއިމުކޮށްފައިވާ ކަމަށް އެ ގައުމުގެ ރިލީފް ސާވިސް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކާބޯތަކެތި ބަހައި މަގުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.