އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އައި 175،000 ރުފިޔާ ކަނޑާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރެއްގައާއި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.
އަދި، ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އަދި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ފުރަތަމަ އިސްލާހު ހުށަހެޅިއިރު ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި ދޭން ކަނޑައަޅައިފައި އޮތީ 25،000 ރުފިޔާއެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 30،000 ރުފިޔާއަށް އިތުރުކުރީއެވެ.
އެކަމަކު، ނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ގާނޫނު އޮންނަ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެއެވެ. އާ އިސްލާހާ އެކު ވެސް ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް ނަސީމް އެކަންޏެވެ.
އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހަށް ހާޒިރުވެތިއްބެވި 68 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ އެ ބިލަށް ތާއީދުކުރައްވާފައެވެ.
އާ އިސްލާހުގައި ވަނީ އިގުތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ކޮންމެހެން ޚަރަދު ކުޑަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެ ކަމަށެވެ. އެކަން ކުރަން މަޖިލީހަށް ކޮންމެހެން ހުށަހަޅާކަށް ނުޖެހޭނެއެވެ.
ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. އެ މަނިކުފާނު އެ ދުވަހު ވަނީ ކުރީގެ މަޖިލީސް މެންބަރުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް ކަނޑާލަން ވެސް ނިންމި ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާގެ މަގުން އިނާޔަތް ދެއެވެ. އެ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއެއް ދޭއިރު، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 އެއްހާ ރުފިޔާ ދެއެވެ.
އެހެންވެ، ކުރީގެ ފަސް ރައީސުން ދުނިޔޭގައި ތިއްބެވުމުން ބޮޑު ޚަރަދެއް އެ ކަމަށް ކުރަންޖެހެއެވެ. އެއީ، ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން އޮތް ކަމެކެވެ.
އޮފީސް ހިންގުމުގެ ޚަރަދު ކަނޑާލި ނަމަވެސް ކުރީގެ ރައީސުންނަށް ދޭ މާލީ އިނާޔަތް އަދިވެސް ލިބޭނެއެވެ.