ބީއެމްއެލްއިން ލަންކާއަށް އެހީވާން، ޓެލެތޯނަށް 25،000 ޑޮލަރު ހަދިޔާކޮށްފި

ބީއެމްއެލްއިން ލަންކާއަށް އެހީވާން ޓެލެތޯނަށް 25،000 ޑޮލަރު ހަދިޔާކުރުން -- ފޮޓޯ/ ބީއެމްއެލް

ތޫފާން 'ދިތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި މީޑިއާތަކުން ގުޅިގެން ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހީން"އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ބީއެމްއެލްގެ ފަރާތުން ފައިސާގެ ޗެކު ހަވާލުކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ޗެކް ހަވާލުކުރެއްވުމަށް ފަހު ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ އެތައް ކަސްޓަމަރުންނާއި ޕާޓްނަރުން ދިރިއުޅުއްވާ ކަމަށެވެ. އަދި އެ ގައުމަކީ ބީއެމްއެލްއާ އެކު ގާތް ވިޔަފާރީގެ ގުޅުން ބާއްވާ ގައުމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ލަންކާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ ދެ މިލިއަނަށް ވުރެ ރުފިޔާ ހަދިޔާކޮށްފައެވެ.

ޓެލެތޯނުގައި ސަން ސިޔާމް މީޑިއާއިން ވެސް ބައިވެރިވާއިރު، ޓެލެތޯނުގެ އެންމެހާ އަދާހަމަތައް ސަން އޮންލައިނާއި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.

މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.

މި ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަށް ޓަކައި މިނިވަން އޮޑިޓްފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އާއެކު އެއްބަސްވެފައިވާކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.

https://sun.mv/214652

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.

comment ކޮމެންޓް